ޚަބަރު

ކޮސް ގިނަ މިސްޓޭކް، މަޖާ އަދި އެކްޓަރުންގެ ތަފާތު ފެނިލުމެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން ގެނެސްދޭ ކޮމެޑީ ފިލްމް ކޮސް ގިނަ މިސްޓޭކް (ކޭޖީއެމް) ގެ އޮފިޝަލް ޓްރެއިލަރ އަދި އޮފިޝަލް ޕޯސްޓަރ ރިލީޒް ކޮށްފިއެވެ.

ލެމަންގްރާސް ސިޓްރޯން ގައި ބޭއްވި ޙަފްލާއެއްގައި މި ފިލްމްގެ ޓްރެއިލަރ ލޯންޗް ކޮށްފައިވަނީ އެސްއެސް މީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) އެވެ.

ނޮވެމްބަރ 5 ގައި ޕްރިމިއާރ ކުރާމި ފިލްމްގެ ޕޯސްޓަރުން އެކަނިވެސް ފިލްމްގެ މަޖާކަން ފެނިގެން ދާއިރު، ފިލްމްގެ ޓްރެއިލަރ އިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފައެވެ.

މި ފިލްމް ވެގެން ދާނީ މިއަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖްތިމާޢީ ފިލްމްތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާ އަށް އަންނަ އިރު، މި ފިލްމްގެ ޓިކެޓް ބުކިން މިހާރު ވަނީ ހުޅުވާލާފައެވެ.

ޝައި ޕްރޮޑަކްޝަން އަކީ ކާމިޔާބު ފިލްމް ތަކެއް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވާ ޕްރޮޑަކްޝަން ހައުސްއެއްގެ އިތުރުން، ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްއެވެ. އެގޮތުން ނޯޓީ ފޯޓީ އާއި ފޯޓީ ޕްލަސް ފަދަ މަޖާ ފިލްމްތަކަކީ ޝައި ޕްރޮޑަކްޝަން އިން އުފައްދާފައިވާ ސުޕަރ ހިޓް ފިލްމްތަކެކެވެ.

މީގެ އިތުރުން ސެޓާން ސްޓޫޑިއޯ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު އެއް ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް ކަމަނާ އާއި، މި އަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް ކަނބުލޮ އުފެއްދި ސްޓޫޑިއޯއެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިންވެސް ފިލްމްތަކެއް ވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.

ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ.
ކޮސް ގިނަ މިސްޓޭކް ޝޫޓް ކޮށްފައިވަނީ މިއަހަރު ކުރީކޮޅު މ.މުލަކުގައެވެ.

މި ފިލްމަކީ މި ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ އެއް ފިލްމެވެ. އެގޮތުން ފިލްމުގެ ހުރިހާ ތަރިންގެ ރޯލުވެސް އެއްވަރަކަށް ފެނިގެންދާއިރު ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް ޢައްޒަ، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާ އަދި ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ.

މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމްގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދު ޣަނީ (ތޭރަ)، މަރިޔަމް އަޝްފާ، ފުބޫ، ޖަލާލްގެ އިތުރުން ފުބޫއެވެ.

އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދުއެވެ.

މި ފިލްމަކީ މިއަހަރު ބެލުންތެރިންނާ ހަމަޔަށް އަންނާނެ އެންމެ ވަރުގަދަ އެއް ފިލްމައް ވެގެންދާނެ, އުންމީދު ބޮޑު ފިލްމެކެވެ.

Ads by HDC