ޚަބަރު

މި އަހަރު މާލޭގައި 3000 ފްލެޓްގެ މަޝްރޫއެއް ފަށާނަން: ރައީސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަލްސާގައި ވާހަކަދައްކަވަނީ

މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި 3000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީގެ ހަރަކާތްތައް ވެސް ވަރުގަދަކުރަން މަސައްކަތްކުރާ ދަނޑިވަޅުގައި ޕީއެންސީއިން މިރޭ އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ހަރުގޭގައި ބޭއްވި ޖަލްސާއަށް ރައީސް ގުޅިވަޑައިގެންނެވީ ވަކި ހިސާބަކުންނެވެ.

ޖަލްސާއަށް ގުޅިވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ އެލްއޯސީން ހަމަޖެހިފައިވާ 4000 ފްލެޓްގެ މަޝްރޫއު ވެސް އަދި ފެށޭނެ ކަމަށެވެ.

މިރޭ އިއުލާންކުރެއްވި 3000 ހައުސިން ޔުނިޓްގެ މަޝްރޫއަކީ އެ 4000 ޔުނިޓްގެ އިތުރަށް ކުރިއަށްދާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ދެ ސަރުކާރެއްގައި ޖުމުލަ ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މަޝްރޫއުތައް ހިންގުން ކަމަށެވެ.

މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 7,000 ހައުސިން ޔުނިޓް ގާއިމުކުރި އެވެ. އެއީ އޭރު މާލެ ސަރަހައްދުގައި ހިންގި އެންމެ ބޮޑު ސޯޝަލް ހައުސިން މަޝްރޫއެވެ.