ޚަބަރު

ކޮރަޕްޝަނާ ދެކޮޅަށް ނިކުންނަން ވާނީ ވައްކަން ނުކުރާ މީހުން: އާދަމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮރަޕްޝަނާ ދެކޮޅަށް ނިކުންނަން ވާނީ ވައްކަން ނުކުރާ މީހުން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ގައުމަށް ހެޔޮއެދޭ، ތަރައްގީގެ ފިކުރަށް ލޯބިކުރާ ގިނަ ރައްޔިތުން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކުގައިކަން ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއިން ވަރަށް ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

"ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް ނިކުންނަން ވާނީ ފަސްބައި ސާފު، ވައްކަން ނުކުރާ، ހިޔާނާތްތެރި ނުވާ މީހުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަރީފް މިހެން ވިދާޅުވިއިރު، އިދިކޮޅު އެމްޑީޕީން "ލޫޓުވައިފި" ނަމުގައި މާލޭގައި މާދަމާ ބޮޑު މުޒާހަރާއެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި މުޒާހަރާއަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް މީހުން މާލެ އައުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ދާދިފަހުން ވަނީ ފަޅާއަރުވާލާފަ އެވެ. އަދި ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ވަނީ ދައުލަތުން ސައީދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.