ޚަބަރު

ރައްޔިތުން ބިކަ ހާލުގައި ނުޖައްސާނަން: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ އިގުތިސާދީ ދުވެލީގެ މިސްރާބު ހުރީ ރަނގަޅު މިސްރާބަކަށް ކަމަށާއި ސަރުކާރުން ރައްޔިތުން ބިކަހާލުގައި ނުޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެ މަނިކުފާނުގެ ޕާޓީ، ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ކަންކަން ސަރުކާރުން ކޮށްދެމުން އަންނަ ކަމަށާއި ހުރިހާ ކަމެއް ކުރަމުން އަންނަ މި ސަރުކާރަށް ވާރުތަވި ހަލާކުވެފައި، އިނދަޖެހިފައި އަދި ވަޅުޖެހިފައި އޮތް އިގުތިސާދު ނަގައި ކޮޅަށް ޖަހަމުން ކަމަށެވެ.

"އިގުތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑުގައި، ރަނގަޅު ގޮތުގައި، ރަނގަޅު މަގުގައި މިދަނީ ކުރިއަށް. އެއްވެސް ވަރަކަށް އަޅުގަނޑުމެން ކަންބޮޑުވެ، ހާސްވާން ޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ދައްކަން ހުރި ދަރަންޏެއް ވިއްޔާ ދައްކަމުން މި ދަނީ."

އެ މަނިކުފާނު ވިދާޅުވީ ޗައިނާ އަށް ދައްކަން އޮތް ދަރަނި، ޑެޓް ރިލީފްގެ ހުރިހާ އެގްރިމަންޓުތަކުގައި ސޮއިކޮށް ހަމަޖެހި ނިމިފައިވާކަން އިއްޔެ ރޭ މާލޭގައި ބޭއްވި ޗައިނާ ނޭޝަނަލް ޑޭގައި ބޭއްވި ޖަލްސާގައި އެ ގައުމުން އިއުލާން ވެސް ކޮށްފައިވާ ކަމަށެވެ.

"ކުރިއަށްއޮތް ތަނުގައި ދައްކަން ހުރި ދަރަނިތައް ވެސް މިދަނީ ޕްލޭން ކުރަމުން. އެއްވެސް ކަންބޮޑުވުމެއް ނެތި އިރާދަކުރެއްވިއްޔާ ކަންކަން ހަމަޖައްސާނަން،" ރައީސް ވިދާލުވި އެވެ. "އެހެންވީމާ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ނެތިން ރައްޔިތުން ބިކަހާލުގައި ޖައްސާކަށް."

ރައީސް ވިދާޅުވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާ ކަމަށެވެ.