އެމްޑީޕީ މުޒާހަރާ: ހައްޔަރުކުރި 6 މީހުންގެ ބަންދަށް 15 ދުވަސް

ދިކޮޅު އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 8 މީހަކު ރޭ މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއިރު، އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާއެކު އެވެ. ދެން މުޒާހަރާއިން ހައްޔަރުކުރި މީހުންނަކީ:
1- މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު (ބަންދަށް 15 ދުވަސް)
2- މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ (ބަންދަށް 15 ދުވަސް)
3- މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު (ބަންދަށް 15 ދުވަސް)
4- އަލީ ޖުމާން (ބަންދަށް 15 ދުވަސް)
5- އަޒީމް އަލީ (ބަންދަށް 15 ދުވަސް)
6- ހަސަން ޝާކިރު (ބަންދަށް 15 ދުވަސް)
7- އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު (24 ގަޑިއިރު ތެރޭގައި ދޫކޮށްލަން)
މި ކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ބަންދުކުރި މީހުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. ފައްޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ކުރިޔަސް ފަސްޖެހުމެއް ނެތް ކަމަށެވެ.
"ބެޓަނަކަށް، ކަރުނަ ގޭހަކަށް، ޕެޕާ ސްޕްރޭއަކަށް، ސޮނިކް ވެޕަނަކަށް ބިރުން ސިހިގެން ދިވެހިން ފަހަތަކަށް ނުޖެހޭނެކަން އަނެއްކާ ވެސް ސާބިތުކޮށްދީފި. ދުވަހެއް ދުވަހެއް މީހުންގެ އަދަދު ދާނީ އިތުރުވަމުން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީން "ލޫޓުވައިފި" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފަ އެވެ.
