ދިވެހި ކޯސްޓް ގާޑު: އާދަޔާ ޚިލާފު ހިތްވަރެއް

ދިވެހި ތާރީހުން ދިވެހިންނަކީ މޫދާ ދޯޅަ ދިވެހި ކަނޑުތަކަށް ފަރިތަ ބައެއްކަން އެނގެން އޮތެއްކަމަކު ރާއްޖޭގެ އެތެރެވަރި ނޭގެ ބޭރުގެ ބަޔަކަށް މިއީ އަނދަވަޅެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ މިނިވަންކަން ރާއްޖޭގެ ކަނޑުތަކާ ފަޅުތަކާ ތިލަތަކާ ހާހަލާ ގިރިތަކުން ހިމާޔަތްވަނީ ކޮށްދީފައެވެ. ރާއްޖޭ އުފެދިފައި އޮތްގޮތުން ދިވެހިންނަކީ ކަނޑުތަކަށް ބަރޯސާވާން ޖެހިފައިވާ ބައެއްމެއެވެ. ދިރިއުޅުމުގެ ކޮންމެކަމެއްވެސް ކަނޑުގެ ދަތުރުފަތުރާވަނީ ގުޅި ލާމެހިފައެވެ. ރާއްޖެ ތަރައްގީވެ ތަހުޒީބު ވަމުން އައި ވަރަކަށް ކުރަންޖެހިފައިވާ ދަތުރުތަށް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު ހިތާމައަކީ ދިވެހިން އެ ކަނޑުތަކާ ކިތަންމެ ކުޅަދާނަ ނަމަވެސް ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަށް އިރުރުވަމުން އަންނަކަމެވެ.
އެގޮތުން މިއަހަރަށް އެކަނި ބަލައިލި ކަނޑުމަތީގެ އެތަކެއް ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެތަށް ފުރާނައަކާ އެތަށް ބައެއްގެމުދަލަށްވަނީ ގެއްލުން ލިބިފައެވެ. އެތަށް މިލިޔަން ރުފިޔާއެއްގެ ގެއްލުން ވަނީ ލިބިފައެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ދެ ލޯންޗު ޖެހި ހިނގައިދިޔަ ހާދިސާއާއި ، މާރޗު 2 ވަނަ ދުވަހު ދޯންޖެއް ދިޔަވެ އދ.ދިގުރަށް ކައިރިޔަށް އަޑިޔަށް ދިޔަ ހާދިސާއާއި އެގޮތުން މިއަހަރުގެ އޭޕްރީލް 2 ވަނަދުވަހު ތ.ކަނޑޫދޫ ކައިރިން 18 މީހުންނާއިއެކު ދަތުރުކުރަމުން ދިޔަ ދޯއްޖެއް އަޑިޔަށްގޮސް އެކަކު ގެއްލުނު ހާދިސާއާއި ،25 ޖޫން ވަނަ ދުވަހު ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލާ އެކަކު މަރުވުމުގެ
ހިތާމަވެރި ހާދިސާއާއި، ޖުލައި 1 ވަނަ ދުވަހު ތ. ވިލިފުށީބަނދަރުގައި އޮތް ދެ ތެޔޮ ޓޭންކަރެއްގައި ރޯވެ ފަޅުވެރިން ފިހި، އޭގެތެރެއިން 61 އަހަރުގެ މީހާ ވެންޓިލޭޓަރަށް ލާން ޖެހުނު ހާދިސާއާއި، ޖުލައި 11 ވަނަދުވަހު 7 މީހުންނާއިއެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން ހޯދުމުގައި ކުރި ކާމިޔާބު މަސައްކަތް ފާހަގަ ކޮށްލެވެއެވެ.
މި ތަފާސް ހިސާބުތަށް މިހެން ހުރިއިރު މިފަދަ ކޮންމެ ހާދިސާއެއްގައި އެއްމެ ފުރާނައެއްނަމަވެސް ގެއްލިގެން ދިއުމީ އަޅުގަނޑުމެން ހިތް އެދޭނެ ގޮތެއް ނޫނެވެ. މިފަދަ ކޮންމެ ހާދިސާއަކާއެކު އަޅުގަނޑުމެންނަށް އަތްދިއްކޮށްލެވެނީ ކޯސްޓުގާޑު ހިދުމަތަށެވެ. ދިވެހި ސިފައިންގެ ކޯސްޓުގާޑު ހިދުމަތުން ކަނޑު ދަތުރުފަތުރުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތަކީ މުހިންމު މަސައްކަތެކެވެ. ކަނޑު ދަތުރު ފަތުރުތަކުގައި ބޭނުންކުރާ އުޅަނދުތަކަކީ ސަލާމަތީގޮތުން ރައްކާތެރި އަދި ސަލާމަތީ ފިޔަވަޅުތަށް ހަމަޔަށް އަޅާފައިވާ އުޅަނދުތަކެއްތޯ ޔަގީންކުރުމާ އުޅަނދުތަކުގެ ފަޅުވެރިންގެ ތަމްރީނާއި ތަޖުރިބާ ހުރި ބައެއްތޯ ޔަގީންކުރުން ހިމެނެއެވެ.
ހާދިސާއެއް ދިމާވުމުގެ ކުރިން ރައްކާތެރިވުމަށް މައުލޫމާތު ދިނުމާއި ދަތުރުވެރިންނާއި ފަޅުވެރިންގެ ހޭލުތެރި ކުރުވުން ހިމެނެއެވެ. އީދު ބަންދުތަކާއި ސުކޫލު ބަންދުތަކުގެ އިތުރުން އާމުކޮށް ދިވެހިން ގިނައިން ދަތުރުކުރާ ދުވަސްވަރުތަކުގައި އުޅަދުތަކަށް ޒިޔާރާތްކޮށް ފަޅުވެރިންނަށް މައުލޫންމާތު ދިނުމާއި ޓީވީ ޕްރޮގްރާމްތަކާއި ރޭޑިއޯ ޕްރޮގްރާމްތަށް މެދުވެރިކޮށް އާމުން ހޭލުންތެރި ކުރުވުން ހިމެނެއެވެ.
އަތޮޅުތަކުގެ ރައްތަކާއި ސަރުކާރު މުވައްޒަފުންނަށް ފަތަން ދަސްކޮށްދިނުމާއި ކަނޑުވުމުން ސަލާމަތްވާނެގޮތާއި މީހުން ސަލާމަތް ކުރާނެގޮތުގެ ތަމްރީން ޕްރޮގުރާމްތަށް ހިންގުމުގެ އިތުރުން އެފަދަ މީސްމީހުންނަށް އަވަސްފަރުވާ ދޭނެގޮތްތަށް ދަސްކޮށްދިނުން ހިމެނެއެވެ.
ޖުލައި މަހު ކުރި ގަދަ ވިއްސާރާގައި ހާލުގައި ޖެހުމާ ކަނޑުވުމާއި، ބަންޑުން ޖަހާލުމުގެ އެތަކެއް ހާދިސާތަކެއް ގައި ދިވެހި ސިފައިންގެ ކޯސްޓްގާޑު ހިދުމަތުން ކެނޑިނޭޅި ކުރަމުން އައި މަސައްކަތްތަށް މިއީ ދިވެހި ކޯސްޓްގާޑު ހިދުމަތުގެ މުހިންމު ކަމުގެ ޒައްރެއްގެ މިންވަރޭ ބުންޏަސް ދޮގަކަށް ނުވާނެކަން ކަށަވަރެވެ.
