އެފްޓާ ޤައުމުތަކުން 250 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމަށް އިންޑިއާއިން މަސައްކަތް ފަށައިފި
އިންޑިއާގެ ވިޔަފާރިއާއި ސިނާއަތުގެ ވަޒީރު ޕިޔުޝް ގޮޔަލް ވިދާޅުވެފައިވަނީ އެފްޓާ (ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން) ބްލޮކްގެ ހަތަރު ގައުމާއެކު ވެފައިވާ ވިޔަފާރި އެއްބަސްވުމުގެ ދަށުން އެ ގައުމުތަކުން 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމުގެ އިތުރުން އިތުރު 150 ބިލިއަން ޑޮލަރު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.
މި އަހަރުގެ މާރިޗު 10 ވަނަ ދުވަހު ސޮއިކުރެވުނު އިންޑިއާ-އެފްޓާ ޓްރޭޑް އެންޑް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމެންޓް (ޓެޕާ) ގެ ދަށުން، އައިސްލެންޑް، ލީޗްޓެންސްޓީން، ނޯވޭ އަދި ސުވިޒަލޭންޑުން އަންނަ 15 އަހަރުގެ ތެރޭގައި 100 ބިލިއަން ޑޮލަރުގެ އެފްޑީއައި އިންވެސްޓްމަންޓް ގެނައުމަށް ވަނީ އެއްބަސްވެފައެވެ.
ބުދަ ދުވަހު މި އެއްބަސްވުން ތަންފީޒުކުރަން ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ގޮޔަލް ވިދާޅުވީ، "އިންޓެލެކްޗުއަލް ޕްރޮޕަޓީ ޤާނޫނުތަކުގައި ޑޭޓާ އެކްސްކްލޫސިވިޓީ ހިމެނުމަށްފަހު އިތުރު 150 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމުގެ ވައުދު ސުވިސް ސްޓޭޓް ސެކްރެޓަރީ ހެލެން ބަޑްލިގަރ އާޓިއެޑާ ވަނީ ދެއްވާފައި" ކަމަށެވެ.
ޑޭޓާ އެކްސްކްލޫސިވިޓީއަކީ އައު އުފެއްދުންތެރިކަމުގެ ކުންފުނިތަކުން އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ ބޭނުންތެރިކަން ސާބިތުކޮށްދިނުމަށް އުފައްދާ ޓެކްނިކަލް ޑޭޓާ ރައްކާތެރިކުރުމަށް ދެވޭ ޙައްޤެކެވެ. މީގެ ސަބަބުން އެހެން ވާދަވެރި ކުންފުނިތަކަށް މި ޑޭޓާ ބޭނުންކޮށްގެން އަގުހެޔޮ ބޭސް އުފެއްދުމުގެ ހުއްދަ ހޯދުން ވަކި މުއްދަތަކަށް ހުރަސްއެޅިގެންދާނެއެވެ.
އިންޓެލެކްޗުއަލް ޕްރޮޕަޓީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ގޮޔަލް ފާހަގަކުރެއްވީ ސުވިޒަލޭންޑާއި ޔޫކޭއަކީ އައިޕީ ދާއިރާގައި މަސައްކަތްކުރަން އެންމެ އުނދަގޫ ޤައުމުތަކުގެ ގޮތުގައި ބެލެވޭ ކަމަށާއި، އަދި މިދާއިރާގައި ޔޫރަޕިއަން ޤައުމުތަކާއި އިންޑިއާއާ ދެމެދު އިތުބާރު ގެއްލިފައިވާ ކަމަށެވެ.
