ޚަބަރު

މުދައްރިސުން ނެތް މުޖުތަމަޢެއްގެ ކުރިމަގެއް ނޯންނާނެ: ފަސްޓް ލޭޑީ ސާޖިދާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުދައްރިސުން ނެތް މުޖުތަމަޢެއްގެ ކުރިމަގެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، އަދި ބެލެނިވެރިއެއް ކަމަށެވެ. އަދި އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދީ، ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މުދައްރިސުން ނެތް މުޖުތަމަޢެއްގެ ކުރިމަގެއް ނޯންނާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި އެފަދަ މުޖުތަމަޢެއްގައި ތަހުޒީބެއް، ދިރުމެއް އަދި އުންމީދެއްވެސް ނޯންނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ.

 

1994ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މިއީ އެކި ޤައުމުތަކުގެ ޖީލުތައް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުދައްރިސުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ. މި ޝިއާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ.

Ads by Allied Insurance