ޚަބަރު

ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެ ދާއިރާތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

Ads by MPL

ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އެ ދާއިރާތައް ކަނޑައެޅީ ރާއްޖޭގެ ގައުމީ ސަލާމަތަށްކޮށްފާނެ އަސަރާއި ޑޮމެސްޓިކް މާކެޓްގެ ވާދަވެރިކަމަށް ކޮށްފާނެ އަސަރާއި އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިވެރިން ހަރަކާތްތެރިވާ މިންވަރާއި އެ ދާއިރާއެއްގައި ބޭރުގެ އިންވެސްޓްމަންޓާއި ތަޖުރިބާ ބޭނުންވާ މިންވަރަށް ބެލުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އެ އިންވެސްޓްމަންޓެއްގެ ސަބަބުން ދިގު މުއްދަތަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއެރުމަށް އެހީވާނެ މިންވަރާއި އަދި އިންސާނީ ވަޞީލަތް ތަރައްގީވެފައިވާ މިންވަރާއި، ވަޒީފާގެ ފުރުޞަތުތައް އުފެދޭނެ މިންވަަރަށް ވެސް ރިއާޔަތްކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ބިދޭސީން އިންވެސްޓް ކުރުން މުޅިން މަނާކުރި ދާއިރާތަކުގެ ތެރޭގައި ދިވެހިންނަށް ހާއްސަކުރެވިފައިވާ ދާއިރާތައް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި
ލޮޖިސްޓިކްސްގެ ޚިދުމަތްތަކާއި، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތަކާއި، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާއި 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތަކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އިސްލާހުތަކަކީ ހަމައެކަނި ގަވާއިދުތަކަށް ގެނެވުނު ބަދަލުތައް ނޫން ކަމަށާއި މިއީ ދިވެހި ވިޔަފާރިވެރިންނަށް ބާރުވެރިކަން ދިނުމަށާއި، 2040 ވަނަ އަހަރު އަންނައިރު، ރާއްޖޭ ތަރައްގީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވާލެވިފައިވާ އިސްލާހުތަކެއް ކަމަށެވެ.

Ads by Allied Insurance