ޚަބަރު

ސްކޭމްގެ 42 މައްސަލައަކާ ގުޅިގެން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ހަފުތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން ވިދާޅުވިގޮތުގައި ފާއިތުވެދިޔަ ހަފުތާގައި ސްކޭމާ ގުޅުންހުރި 42 މައްސަލައެއް ވަނީ ހުށަހަޅުއްވާފައެވެ.

Ads by MPL

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން މި މަހުގެ 4ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 42 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި 318،342.50 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު 221،243.33 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފާއިތުވި ހަފުތާގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން، އެންމެ ގިނައިން ހުށަހަޅާފައިވަނީ އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 19 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ސްކޭމްގެ މައްސަލަތުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާ ގުޅުންހުރި މައްސަލަތަކާއި އިމްޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެއެވެ. އެގޮތުން ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 6 މައްސަލައަކާއި އިމްޕަރސޮނޭޝަންގެ 7 މައްސަލައާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި 3 މައްސަލައެއްގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން 7 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައެވެ. އަދި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ސްކޭމް ސެންޓަރުން ވިދާޅުވެއެވެ.

ސްކޭމަރުންނަށް ފައިސާ ހޯދުމުގައި ކާމިޔާބުވަނީ އެފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށާއި އެފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުމުން، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.