ޚަބަރު

ޕްރައިވެޓް 2 ހޮސްޕިޓަލެއްގެ ބިލްތަކަށް އެންސްޕާއިން މިދިޔަމަހު 8.59 މިލިޔަނަށްވުރެ ގިނަ ރުފިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާއަށް އެންސްޕާއިން މިދިޔަ ސެޕްޓެމްބަރު މަހު 8.59 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންސްޕާއިން ހާމަކޮށްފިއެވެ.

Ads by STELCO

އެންސްޕާއިން ހޮސްޕިޓަލުތަކުގެ ބިލްތަކާއި އެނޫންވެސް މިފަދަ ޚަރަދުތައް ކުރަމުންދަނީ އާސަންދައިން ބަލި މީހާއަށް ކަނޑައަޅާފައިވާ ޚަރަދުގެ ބޭރުން، ބަލި މީހާއަށް ޚަރަދު ދެކޮޅު ނުޖެއްސޭ ހާލަތްތަކުގައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިންވަނީ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު ކޮށްފައިވާ ޚަރަދުގެ ތަފާސްހިސާބުވަނީ ހާމަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ޕްރައިވެޓް 2 ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިވާ 479 ފަރާތަކަށް އެކަނިވެސް މިދިޔަ މަހު 8،594،982 (އަށް މިލިޔަން ފަސްލައްކަ ނުވަދިހަ ހަތަރުހާސް ނުވަސަތޭކަ އަށްޑިހަ ދެރުފިޔާ) ވަނީ ޚަރަދުކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 170 މީހަކަށް ޚަރަދުކުރި 3،603،816 (ތިން މިލިޔަން ހަލައްކަ ތިންހާސް އަށްސަތޭކަ ސޯޅަ ރުފިޔާ) އާއި، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 309 ފަރާތަކަށް ޚަރަދުކުރި 4،991،166 (ހަތަރު މިލިޔަން ނުވަލައްކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) އެވެ.

ބަލި މީހުންގެ ފަރުވާގައި އާސަންދައިން ކަވަރުކުރާ މިންވަރުގެ ބޭރުން ނުދެއްކޭ ބައި ހަމަޖެއްސުމަށް ދާއިމީ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކުން އެންސްޕާގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ. އޭޑީކޭ ހޮސްޕިޓަލަށް އެންމެ ބޮޑު ހޭދައެއް އެންސްޕާއިން ކޮށްފައިވަނީ ކާޑިއޯވެސްކިއުލާގެ ކޭސްތަކަށެވެ. އެފަދަ 16 ކޭސްއަކަށް 1،075،420 (އެއްމިލިޔަން ހަތްދިޔަ ފަސްހާސް ހަތަރުސަތޭކަ ވިހި ރުފިޔާ)ވަނީ ޚަރަދުކޮށްފައެވެ.

 

މީގެއިތުރުން މައިބަދަ އަދި ނާރުގެ ބަލިތަކާއި ގުޅޭ 11 ކޭސްއަކަށް އެންސްޕާއިންވަނީ އޭޑީކޭ ހޮސްޕިޓަލަށް 703،829 (ހަތްލައްކަ ތިންހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ) ޚަރަދުކޮށްފައެވެ. އޭޑީކޭގައި އެންމެ ގިނަ ބަޔަކު އެޑްމިޓްކޮށްގެން އެންސްޕާގެ އެހީ ހޯދާފައިވަނީ ވިހެއުމާއި ގުޅިގެންނާއި ކަށީގެ ބަލިތަކުގައެވެ. އެގޮތުން ވިހެއުމުގެ ޚަރަދަށް 26 މީހަކަށް 300،929 (ތިން ލައްކަ ނުވަސަތޭކަ ނަވާވީސް) ރުފިޔާ ޚަރަދުކޮށްފައިވާއިރު ކަށީގެ ބަލިތަކާއި 25 މީހަކަށް 475،934 (ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ނުވަސަތޭކަ ތިރީސް ހަތަރު ރުފިޔާ) ވަނީ ޚަރަދުކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް އެންމެ ބޮޑު ޚަރަދެއް އެންސްޕާއިން މިދިޔަ މަހު ކޮށްފައިވަނީ ކުޑަކުދިންގެ ބަލިތަކަށެވެ. އެގޮތުން އެފަދަ 25 ކުއްޖަކަށް 1،312،237 (އެއް މިލިޔަން ތިންލައްކަ ބާރަ ހާސް ދުއިސައްތަ ތިރީސް ހަތް ރުފިޔާ) އެންސްޕާއިންވަނީ ހޭދަކޮށްފައެވެ. އެންމެ ގިނަ ބަޔަކު މިދިޔަ މަހު ޓްރީޓޮޕްގައި އެޑްމިޓްކޮށްގެން ޚިދުމަތް ހޯދާފައިވަނީ ވިހެއުމުގެ ޚަރަދަށެވެ. އެގޮތުން ވިހެއުމުގެ ޚަރަދަށް 66 މީހަކަށް 670،553 (ހަލައްކަ ހަތްދިހަހާސް ފައްސަތޭކަ ފަންސާސް ތިން ރުފިޔާ) ހޭދަކޮށްފައެވެ. ދެން އެންމެ ގިނަ ބަޔަކު ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އެންސްޕާގެ އެހީ ހޯދާފައިވަނީ ކަށީގެ ބަލިތަކަށެވެ. އެގޮތުން ކަށީގެ ބަލިތަކަށް 50 މީހަކަށް އެންސްޕާއިންވަނީ 902،611 (ނުވަލައްކަ ދެހާސް ހަސަތޭކަ އެގާރަ ރުފިޔާ) ޚަރަދުކޮށްފައެވެ.

އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ބަލި މީހުންގެ ފަރުވާ ހަމަޖެއްސުމަށް ސަރުކާރުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބޭސްފަރުވާގެ ޚިދުމަތް އިތުރަށް އަގުހެޔޮކުރުމަށްޓަކައި ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ބޭސްފަރުވާއަށް އާސަންދަ އަދި އެންސްޕާއިން ކުރާ ހޭދައަކީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ހެދުމަށް ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމު މުރާޖަޢާކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ.