'ޑަކް ޕާކް' ގެ ދިރުންތައް މަރުވި މައްސަލަ ފުލުހުން ބަލަނީ

އައްޑޫ ހުޅުދޫގެ "ޑަކް ޕާކް" ގެ ދިރުންތައް މަރުވާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެތަނުގެ ފެންގަނޑުގައި އުޅޭ އަސްދޫނިތައް މަރުވުމުގެ އިތުރަށް މަސްތައް މަރުވަމުންދާ މައްސަލަ އަވަށު އޮފީހުން ހުށަހަޅާފައިވާތީ އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެ އަވަށު އޮފީހުން އެ މައްސަލަ ފުލުހުންނަށް ހުށަޙެޅީ ދިރުންތައް މަރުވެފައި ވަނީ ފެންގަނޑަށް ބަޔަކު ވިހަ އެއްޗެއް އަޅާފައިވާތީ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ފުލުހުން ބުނީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ހުޅުދޫ ކައުންސިލަރު ހުސައިން ފައިޒް އިއްޔެ ވިދާޅުވެފައި ވަނީ "ޑަކް ޕާކް" ގައި އުޅުނު 8 އަސްދޫނީގެ ތެރެއިން އެންމެ އެއްޗެއް ފިޔަވައި ހުރިހާ އަސްދޫނިތަކެއް މަރުވެފައިވާ އިރު، އެތަނުގައި އުޅުނު އެހެން ދޫނިތަކެއް ވެސް މަރުވެފައިވާ ކަމަށެވެ. އަދި ފެންގަނޑު ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ މަސް ވެސް މަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
މިކަމަކީ ބަޔަކު ގެއްލުންތަކެއް ދޭންވެގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ "ޑަކް ޕާކް" ގައި ސީސީޓީވީ ކެމެރާ ބަހައްޓައި އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ވެސް މިހާރު ނިންމާފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
