މިންޖުވާން ބޭނުމެވެ.

އަހަންނަށް ލޯތްބަކީ ކޮބައިކަމެއް އޭރަކު ނޭނގެއެވެ. ފަހަރެއްގައި އަދިވެސް އަހަންނަށް ލޯތްބަކީ ކޮބައި ކަމެއް އަދިވެސް ނޭނގެއެވެ. އެހެން ނަމަވެސް އަހަންނަށް އެނގޭހާ ވެސް ކަމަކީ ލޯބިވެވުމުން ދެން ތިބާ އުފުލަން ޖެހޭ ވޭނާއި ކެކުޅުމަކީ މާ ވޭންހުރި ކަމެއްކަމެވެ.
އަހަރެން ތިބާ ދެކެ ލޯބިވީ ގަސްދުގައެއް ނޫނެވެ. ލޯބިވާން ބޭނުން ވެގެން ވެސް ނޫނެވެ. އެހެން ނަމަވެސް ބޭއިޚުތިޔާރުގައެވެ. އެކަމާ ގުޅިގެން އަހަރެންގެ ހިތުގައި އަޅާ ވޭނާއި ކެކުޅުން އެނގޭނެ މީހަކީ ހަމަ އަހަންނެވެ. މޫނުމަތީގެ ކުލަވަރުން އެކަން އާންމުންނަށް ފާހަގަ ނުވިކަމުގައި ވީނަމަވެސް އަހަރެންގެ ހިތަށް ކެތް ނުވާ ވަރަށް އެތަކެއް އަސަރުތައް ކުރެއެވެ. ރޮވެން ވެސް ރޮވެއެވެ.
އެހެން ނަމަވެސް ކުރާނީ ވަކި ކީއްހެއްޔެވެ؟ ތަޤުދީރުގައި ދެމީހުންގެ ގުޅުން ލިޔެވިފައި ނެތުމުން އަހަރުމެންނަށް ކުރެވޭނެ އިތުރު ކަމެއް އެބަ އޮތް ހެއްޔެވެ؟ އެހެނަސް އަހަރެންނަށް ތިބާދެކެ ލޯބިވެވުމަކީ އަަހަރެން މުޅި އުމުރު ދުވަހުގައި ވެސް އެކަމަކާއި ދެރަވާނެ ކަމެކެވެ.
އެއީ އޭގެ ސަބަބުން އަހަރެންނަށް މިކަމުގެ ސަބަބުން އަޅާ ވޭން އަހަންނަށް އެނގޭތީއެވެ. މިކަމުން މިންޖު ވާން އަހަރެންގެ ނަފްސު އަހަރެން ގާތުގައި އާދޭސް ކުރާވަރު އަހަރެންނަށް އިހުސާސް ވާތީއެވެ. ކޮންމެ ރެއެއްގެވެސް ނިދިން އަހަރެން މަހުރޫމު ވެފައިވާތީއެވެ. އަހަރެންގެ ލޮލުން ނިމުމެއް ނެތް ކަރުނަ ފައިބާތީއެވެ.
އެހެންނަމަވެސް އަހަރެން ކޮންމެ ދުވަހަކު ތިބާގެ ލޯކުރިމަތީގައި، ތިބާގެ ރައްޓެއްސެއް ގޮތުގައި ހުރެވުން ވެސް އެއީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ތިބާގެ އުފަލުގައި ޝާމިލުވެ، ތިބާގެ ކާމިޔާބީ ގައި އަހަރެންގެ ކުޑަނަމަވެސް ހިއްސާއެއް ވުމަކީ އަހަރެން މިއަދު އުފާކުރާ ކަމެކެވެ.
ލޯބި ހުށަހަޅަން ވަރަށް މަސައްކަތް ކުރަމެވެ. ނަމަވެސް އެ ހިތްވަރެއް މިއަދު އަހަރެންގެ ކިބައިގައެއް ނެތެވެ. ހިތްވަރު ކުރާ ޙާލު އަހަރެން އަބަދުވެސް ތިބާ އާއި އެކުގައި ރަނގަޅު ރަހުމަތްތެރިއެއްގެ ގޮތުގައި ހުންނާނަމެވެ. ތިބާއަށް އެއްވެސް ދެރައެއް ލިބުނަ ނުދޭން އަހަރެން އަބަދުވެސް މަސައްކަތް ކުރާނަމެވެ.