ރައީސް ދެއްވީ އައްޑޫ ޑީފޯލްޓް ނުވާނެ ކަމުގެއް ޔަޤީންކަން

ރާއްޖެއިން އަންނަ އަހަރުގެ އޭޕްރިލް މަހަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ސުކޫކުގެ ކަންކަމުގައި ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި ރާއްޖެ ޑީފޯލްޓް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ށ. ބިލެތްފަހީ ރައްޔިތުންނާ މިރޭ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ރޭވުންތެރިކަމާއެކު ބަރާބަރަށް ކުރަމުންދާ މަސައްކަތް ފުރިހަމަކަމާއެކު ކާމިޔާބުވަމުންދާ ކަމަށާއި އެގޮތުން އަންނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމުގައި ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"ރާއްޖެ ޑީފޯލްޓް އިރާދަކުރެވިއްޔާ ނުވާނެ. ފުރިހަމައަށް އިރާދަކުރެވިއްޔާ އަޅުގަނޑުމެން މިހުރީ ތަރުތީބުކޮށްފައި. އަޅުގަނޑުމެންގެ ރިޒާވް ވެސް އިރާދަކުރެވިއްޔާ ރަނގަޅު ގޮތުގައި ޓްރެޖެކްޓްރީ ހުރީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރާ ހަވާލުވި އިގްތިސާދު ރަނގަޅު ކުރަމުންދާ ކަމަށާއި އެގޮތުން އެތެރެއާއި ބޭރުގެ ދަރަނިތައް ވެސް ދައްކަމުންދާ ކަމަށެވެ. އަދި ބައެއް ދަރަނިތައް އެކުވެރި ދައުލަތްތަކާއި މަޝްވަރާ ކުރެވިގެން އެކި ކަހަލަ ލުއިތައް ހޯދައި ނުވަތަ ދެއްކުން ފަސްކުރުން ފަދަ ކަންކަން ވެސް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް ވެސް ސަރުކާރުން ކުރަމުން އަންނަނީ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ތަރައްގީ ހާސިލުކޮށްދިނުމުގެ ގޮތުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
