ކުރީ ސަރުކާރުގައި މަހުގެ ޓެރިފް ކުޑަކުރިކަން ފެންނާކަށް ނެތް: އިޤްތިޞާދީ ވަޒީރު

އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާކަމަށް ކުރީގެ ސަރުކާރުން ބުނިނަމަވެސް އެކަން ކޮށްފައިނުވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިގެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި، އެކަމާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދާ ސުވާލުކުރެއްވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމުދު މިއަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ނިންމާފައިވާއިރު އެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައި ތޯ ބެލުމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވަނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށް ވިދާޅުވެފައެވެ. އޭރު އެ މަޝްވަރާތައް ފެށިފައިވަނީ އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވުމާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމާ ގުޅޭގޮތުން ފުރަތަމަ ސިޓީ އެއް ފޮނުވާފައިވަނީ 16 އޮކްޓޯބަރ 2016 ގައި އޭރުގެ އިޤްތިޞާދީ ވަޒީރު ސޮއިކުރައްވާފައިކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އޭރުގެ އިޤްތިޞާދީ ވަޒީރަކަށްވެސް ހުންނެވީ މިހާރުގެ ވަޒީރު މުޙައްމަދު ސަޢީދެވެ.
ނިމިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު މަޝްވަރާކޮށްގެން، މަހުންނަގަމުން ދިޔަ ޓެރިފް ކުޑަކުރިކަމަށް މެންބަރު މީކާއިލް ވިދާޅުވެފައި ވުމުން، ވަޒީރު ވިދާޅުވީ އެ ބަދަލަކީ ސަރުކާރަކާއެކު ކުރެވުނު މަޝްވަރާއަކާއި ގުޅިފައިވާކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
"ބްރެކްޒިޓް ގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސަންޓު ޓެރިފެއް. މިހާރު ނަގަމުން ދަނީ 20 ޕަސަންޓުގެ ޓެރިފެއް. މިއީ ޕްރިފަރެންޝަލް އެގްރިމެންޓެއް ނެތް ހުރިހާ ޤައުމަކަށް، އެ ޤައުމުން ނަގާ ޓެރިފް. " ވަޒީރު ވިދާޅުވިއެވެ.
މެންބަރު މީކާއިލް ސުވާލުގައި މިއަހަރު އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށަން ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައި އޮތުމުން، އެކަމަށް އިޝާރާތް ކުރައްވާ ވަޒީރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އެ ވާހަކަތަކުގެ އަސާސް ހިއްސާކޮށްދެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
"ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށާނެ ކަމުގެ ޔަޤީންކަމެއް އިނގިރޭސި ސަރުކާރުން ދިން ކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިއުމެއްގައި ނެތް. " ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމުތަކުން ރާއްޖެއަށް ލިބޭ ޓެރިފްތައް ކުޑަކުރުމަށް ނުވަތަ ރާއްޖެއަށް އެންމެ ފައިދާވާ މިންވަރަކަށް ބަދަލުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
