ހަމީދަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިންކާރުކުރައްވައިފި

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއްގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރެއްވި ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވައިފި އެވެ.
ހަމީދަށް ކުރި ތުހުމަތަކީ އޭނާ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އިރު ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ގަތުމަށް ދިން ކުންފުންޏަށް ނަހަމަ ފައިދާއެއް ދިން ކަމުގެ ތުހުމަތެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި މި ސަބް ކޮމިޓީގެ މުގައްރިރު ނާޒިމް ވިދާޅުވި ގޮތުގައި އެ ތުހުމަތު އަމާޒުކުރަން ޖާގަ ލިބެނީ ފުރަތަމަ ކުރި ބީލަން ބާތިލްކޮށް ސިންގަލް ސޯސްކޮށްގެން ހަވާލުކުރުމުންނެވެ. އަދި ފުލުހުންގެ ހިދުމަތުން ރިޓަޔާވުމަށްފަހު ހަމީދު އެ ކުންފުނީގެ ވަޒީފާއަކާ ހަވާލުވެވަޑައިގަތީމަ އެވެ.
ހަމީދުގެ ބްލޮގްގައި ލިއުއްވާފައިވަނީ ބޮޑީ ވޯން ކެމެރާ ގަތުމަށް ހަވާލުކުރި ކުންފުންޏަކީ އެކްސަން ޕްރޮޑަކްޓްގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ޑިސްޓްރިބިއުޓަރު ކަމަށެވެ. އަދި އެ ތަކެއްޗަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުން ވެސް ބަލައިގަނެ ބޭނުންކުރަމުންދާ ތަކެތި ކަމަށެވެ.
ހަމީދު ވިދާޅުވީ އެ ތަކެތި ގަތީ ވެސް ހަތަރު އަހަރަށް ބަހާލައިގެން އޭގެ އަގު ދައްކާ ގޮތަށެވެ.
ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަށް ކޮންމެހެން ބޭނުންވާ ވަސީލަތެއް ހޯދުމަށް، އަދި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއެކު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިގެން ކަމަށް ހަމީދު ވިދާޅުވި އެވެ.
އަދި ފަހުން އެ ކުންފުނީގެ ވަޒީފާގެ ފުރުސަތު ލިބުނީ އެ ކުންފުންޏާއެކު މިދިޔަ އަހަރުތަކުގައި އޭނާގެ ކުރި މަސައްކަތުގައި ފެނުނު ތަޖުރިބާއާއި ޕްރޮފެޝަނަލިޒަމްއަށް ބަލައިގެން ކަމަށް ހަމީދު ވިދާޅުވި އެވެ. އެއީ އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވައިގެން ހޯއްދެވި ވަޒީފާއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް މުދަލެއް ފޯރުކޮށްދިން ކުންފުންޏެއްގައި، އެ އިދާރާއިން ރިޓަޔާވާ ފަރާތްތަކުން މަސައްކަތްކުރުމަށް ރާއްޖޭގެ އެއްވެސް ގާނޫނަކުން އަދި ގަވާއިދަކުން ވެސް ހުރަސް ނާޅާ ކަމަށް ހަމީދު ވިދާޅުވި އެވެ.
