ޚަބަރު

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަ އަހަރުގެ ބަޖެޓުން އިންޝުއަރެންސް ހަމަޖައްސަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ އިންޝުއަރެންސް އަންނަ އަހަރުގެ ބަޖެޓުން ހަމަޖެހޭނެ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނައި މި އަހަރު ރަސްމީކޮށް އިއުލާންކުރައްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ހަމަޖައްސައިދިނުމަށް ކުންފުނިތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު މިހާރު އެ ފައިސާ ބަޖެޓުގައި ހިމަނަށް ނިންމަވާފައިވާ ކަމަށެވެ. ފަހުންވެސް ބައެއް ޕްރޮޕޯސަލްތައް ލިބިފައިވާތީ މިކަން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތެއް ދެނެގަތުމަށްފަހު އަންނަ އަހަރުގެ ބަޖެޓުން އެކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ދިނުމުގައި މީގެކުރިން ގޮންޖެހުމަކަށް ވެފައި އޮތީ ކުޑަ ދުވަސްކޮޅަކަށްފަހު ކުޅުންތެރިން ސްކޮޑުން ބަދަލުވުން ކަމަށާއި، އެހެންނަމަވެސް މިހާރު އެކަމަށްވެސް ހައްލެއް ހޯދިއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ވަކި ކުޅުންތެރިޔަކަށް އިންޝުއަރެންސް ދިނުމުގެ ބަދަލުގައި ވަކި އަދަދެއް ކަނޑައަޅައިގެން އެކަން ކުރެވޭގޮތަށް މިހާރު ކުންފުނިތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ވާހަކަދެކެވި އެކަމަށްވެސް ހައްލު ހޯދިއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އައު ޕްރޮޕޯސަލްތަކެއްވެސް އެބަހުރި ލިބިފައި، މި އަހަރު ތެރޭގައި އިއުލާންކުރެވިގެންދާނެ. އިންޝުއަރެންސް ކުންފުނިތަކުން ވަރަށް ބޮޑަށް މިކަން ކޮށްދޭން ބޭނުން. ކުރިން އޮތީ ޗެލެންޖަކަށްވެފައި ސްކޮޑުން ކުޅުންތެރިން ބަދަލުކުރަންޖެހޭ ކަންތައް. އެކަންތައް މެނޭޖުކުރާނެ ގޮތް މިހާރު އޮތީ ހޯދިފައި. ޕޫލްއެއް ހެދޭ ގޮތަށް ނަމްބާސްއިން މިސާލަކަށް 200 މީހުންގެ ޕޫލަކަށޭ އިންޝުއަރެންސް ލިބޭނީ. ސްކޮޑުން ކުޅުންތެރިން ބަދަލުވާއިރު އައު ކުޅުންތެރިޔާ އެ ޕޫލަށްލީމަ އެހެރީ އިންޝުއަރެންސް ލިބިފައި" ވަޒީރު ވިދާޅުވިއެވެ.

ގައުމީ ޓީމުތަކަށް އައުމަށް ކުޅުންތެރިން މަސައްކަތްކުރަންވީ ކީއްވެގެންކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މޮޅަށް ކުޅެންވީ ކީއްވެގެންކަން ނުވަތަ މޮޅަށް ކުޅެގެން ލިބެނީ ކޮން ފައިދާއެއްތޯ މީ އަބަދުވެސް ކުރަންޖެހޭ ސުވާލެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ކުޅުންތެރިން މޮޅަށް ކުޅެންވީ ކީއްވެތޯ އާއި މޮޅަށް ކުޅެގެން ލިބޭ ފައިދާއަކީ ކޮބައިތޯ މީ ކުރަން ޖެހޭ ސުވާލެއް ކަމަށެވެ. އަދި މޮޅަށް ކިޔަވައިފިއްޔާ ސްކޮލަރޝިޕް ލިބޭ އުސޫލުން ކުޅިވަރަށް މޮޅު ކުދިންނަށް ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިއުމަށް ސްކޮލަރޝިޕް ލިބެން ޖެހޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މިސަރުކާރުން އަރުތަ ޕްރޮގުރާމް މޮޑިފައިކޮށްފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އަރުތައަށް އެ ގެނެވުނު ބަދަލަށް މިއަހަރު ތެރޭގައި އަމަލުކުރަން ފެށޭނެ ކަމަށެވެ.

"އަރުތަ ޕްރޮގުރާމަށް ކުއްޖާ އައިސްސަ އެކުއްޖާއަށް ސްކޮލަރޝިޕް ލިބޭ އިރުގައި އެއީ ސްޕޯޓްސް މެރިޓަށް ދޭ ސްކޮލަރޝިޕެއްގެ ގޮތުގައި. ކުޅިވަރަށް މޮޅު ކުއްޖެއްވިއްޔާ އެ ކުއްޖާއަށްވެސް ސްކޮލަރޝިޕް އެބަ ލިބެން ޖެހޭނެ. އެހެންވީމަ އެކުއްޖާ ބޭރަށް ފޮނުވާނަމަ އެ ކުއްޖާ ދާނީ އެޑިއުކޭޝަންގެ ޕެކޭޖާވެސް އެއްކޮށޭ" ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އަރުތައިގެ ދަށުން ގައުމުތަކުގައި ޓްރޭނިން ހަދަން ތިބޭ އެތުލީޓުން ވަކި ހިސާބަކުން މެދު ކަނޑާލާފައި އޯލެވެލް ދުވަސްވަރު ނުވަތަ އޭލެވެލް ޓެސްޓަށް އެނބުރި އަންނަން ނުޖެހޭނެ ކަމަށާއި، އެފަދަ އެތުލީޓުންގެ ކިޔެވުމުގެ ކަންކަންވެސް އެ ސްކޮލަރޝިޕްގެ ތެރެއިން ހަމަޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރަކުން ރާއްޖެއަށް މެޑެލް ހޯދައިދީ ބޮޑަތި ކާމިޔާބީ ހޯދައިދިނުމަށްފަހު ރިޓަޔަރ ކުރަން ބޭނުންވާނަމަ ކުޅިވަރުގެ ދާއިރާ ދޫކޮށް ނުދާނެހެން އެ ކުޅުންތެރިއަކު ދާއިރާގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރު އަލަށް އުފައްދާ ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން ރިޓަޔަރ ކުރާ ކުއްޖެއް ބޭނުންވާ ކުޅިވަރާއި ގުޅޭ ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތު ފަހިކޮށްދީ ރިޓަޔަރ ކުރުމަށްފަހު ކުރާނެ މަސައްކަތެއް ހޯދައިދެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ads by HDC