ރައީސް މުއިއްޒު އާއި ފީފާގެ ރައީސް ފޯރިގަދަ މެޗެއް ކުޅެފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ކުރިއަށްދާ ކިޑްސް ފުޓްބޯލް ފެސްޓިވަލް ފެށުމަށް ފީފާގެ ރައީސް އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެން ހަވީރު ގަލޮޅު ދަނޑުގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގައިފި އެވެ.
އެ ގޮތުން އެއް ހަރަކާތަކީ ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމަކާ ދެމެދު ކުޅުނު ފޯރިގަދަ މެޗެވެ. ހަވީރު 4:00 އިން އިރުއޮއްސި 6:00 އަސް ކުރިއަށް ދިޔަ ފެސްޓިވަލުގެ ތެރެއިން އެ މެޗު ގެންދިޔައީ 30 މިނެޓަށެވެ.
ފީފާގެ ރައީސްގެ ޓީމުން ރީތީ ދެ ލަނޑު އިޓަލީގެ ލެޖެންޑު މާކޯ މެޓިރާޒީ ކާމިޔާބުކުރި އެވެ. ފީފާގެ ރައީސް އިންފަންޓީނޯ ހެޓްރިކެއް ހެދި އިރު އެފްއޭއެމްގެ ރައީސް، ރާއްޖޭގެ ކުރީގެ ފޯވާޑު އަދި މަހިބަދު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) ލަނޑެއް ޖެހި އެވެ.
ރައީސްގެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރެއްވީ އެމަނިކުފާނާއި އެމަނިކުފާނުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އާއި ރައީސް އޮފީހުގެ މިނިސްޓަރު ނަސީރެވެ.
މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ. އަދި ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަތީ 19 އަހަރު ފަހުންނެވެ. މިގެ ކުރިން އެ ތަނުގެ ރައީސަކު ވަޑައިގަތީ 2006 ވަނަ އަހަރެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ މި ވަޑައިގަތީ، އެފްއޭއެމްގެ ރައީސަކަށް ބައްސާމް އަދީލް ޖަލީލް ހުންނެވިއިރު ފީފާއިން ދިން ފައިސާ ހިމެނޭ ގޮތަށް ބޮޑެތި ކޮރަޕްޝަންތައް ހިންގައި ރާއްޖޭގެ ފުޓުބޯޅަ ވަރަށް ބޮޑަށް އަޑިއަޅާލާފައިވަނިކޮށެވެ.

