ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަން ރުފިޔާ، މިއީ %105 އިތުރުވުމެއް
މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްފިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއާއި އަޅާ ބަލާއިރު %105 އިތުރު އަދަދެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ހިންގާ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުހައި ދައުލަތަށް 1.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 834 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %105 އިތުރު އަދަދެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތީ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން ފަތުރުވެރިކަމާއި ތިމާވެއްްޓާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް 1.7 މިލިޔަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 1.6 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %10 އިތުރު އަދަދެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.
