ޚަބަރު

ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ އިންތިހާބުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހުސްނީ މުބާރަކް - ފޮޓޯ؛ ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް އެ ކޮމިޝަނުގެ މެންބަރުން ވޯޓު ލައިގެން މިއަދު އިންތިހާބުކޮށްފިއެވެ.

Ads by STELCO

މި މަގާމުގައި ކުރިން ހުންނެވި މެމްބަރު މާފުށި ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން ރިޒާ މި މަހުގެ 25 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު އޮތީ ހުސްކޮށެވެ.

ފުރަތަމަ އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ކޮމިޝަނުގައި އިންނަވާ  މަޖިލިސް މެންބަރަކަށް ހުސްނީ އައްޔަންކުރުމަށް ފާސްކޮށްފައެވެ. އަދި ރައީސް މުހައްމަދު މުއިއްޒު ހުސްނީ ކޮމިޝަނަށް އައްޔަންކުރެއްވީ މިއަދުއެވެ.

މި ކޮމިޝަނަކީ ފަނޑިޔާރުންގެ ކަންކަން ބެލުމަށް ގާނޫނުއަސާސީގައި އެކުލަވާފައި އޮންނަ މުއައްސަސާއެކެވެ.

ކޮމިޝަނުގައި ތިއްބަވާނީ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، މަޖިލީހުގެ ރައީސްއާއި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، ބަންޑާރަ ނައިބު އާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްއާއި، ގާނޫނީ ވަކީލުން އިންތިހާބުކުރާ ވަކީލަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެކެވެ.

Ads by Ooredoo