ޚަބަރު

ޖަޕާނުން ރާއްޖެއަށް 47 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ޖަޕާނުން ރާއްޖެއަށް ދޭން ނިންމާފައިވާ ލޯން އެހީގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

Ads by MWSC

ލޯން އެހީގެ ދަށުން ޖަޕާނުން ވަނީ ރާއްޖެއަށް 47 މިލިއަން ޑޮލަރު ( 723 މިލިއަން ރުފިޔާ) ދިނުމަށް ނިންމާފައެވެ.

މި އެއްބަސްވުމުގެ ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޗައިކާ)ގެ ފަރާތުން ދޭ މި ލޯން އެހީގެ އެއްބަސްވުމުގައި އެ އޭޖެންސީގެ ފަރާތުން ސޮއި ކުރެއްވީ ކަވަސާކީ މިޓުޔޯސީއެވެ.

މި ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެ ގައުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ރާއްޖެއާ ޖަޕާނުން ސޮއިކުރައްވާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކޮށްފައިވަނީ އެގައުމުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ މިހާތަނަށް ޖަޕާނުން ރާއްޖެއަށް ދިން އެންމެ ބޮޑު ލޯނުގެ އެހީ ކަމަށެވެ.

އެ ލޯނު ދައްކައި ނިންމުމަށް 15 އަހަރުގެ މުއްދަތެއް ދީފައިވާއިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަތަރު އަހަރު ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ޝާހިދު ވިދާޅުވީ އެ ލޯނު އެހީއަކީ 0.01 ޕަސެންޓްގެ އިންޓްރެސްޓެއް ނަގާގޮތަށް ދީފައިވާ ލޯނުގެ އެހީއެއް ކަމަށެވެ.

"އިންޓްރެސްޓް ރޭޓް އާ ބަލާފައި 15 އަހަރު ދުވަހަށް ހިސާބު ޖެއްސުމުން އެއީ ބޮޑު އެހީއެއް،" ޝާހިދު ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!