ކޮޅުވެއްޓި ބަންޑުން ޖަހާލުން: އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ހިންގަނީ
މާލެ ވިޔަފާރި ބަނދަރު ސަރަހައްދުން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެތެރޭގެ ތަހުގީގެއް ފަށައިފިއެވެ.
މި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފުން ވަނީ ނިޔާވެފައެވެ. އެއީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޢުމުރުން 32 އަހަރުގެ މަސްއުދުއާއި ފަރުވާދެމުން ދަނިކޮށް ހާލު ދެރަވެގެން މިއަދު ނިޔާވި ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ 25، އެވެ.
އެމްޕީއެލް އިން ބުނީ މި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ ކަމާ ބެހޭ ޑިޕާޓްމެންޓްތަކުން މިހާރު އެތެރޭގެ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ. އަދި ތަހުގީގަށް އެނގޭ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްލާހުގެ ފޫޅުން ތިރި އޮތީ ޗިސްވެފަ އެވެ. ބެލެވޭ ގޮތުގައި އަފްލާހަކީ މި ހާދިސާގައި ތާށިވެފައި އޮއްވައި ސިފައިން ނެގި މީހާ އެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނީ އެޔަށް ހައިމާކުތަކެއް އަރުވަން އުޅެނިކޮށް، ބެލެންސުން ނެއްޓިގެންނެވެ. އުޅަނދު ބަންޑުންޖަހައިލިއިރު އޭގައި 14 މީހުން ތިއްބެވެ. އޭގެ ތެރެއިން ނިޔާވި މީހުން ފިޔަވައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
