ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަށް ކުރާ މަސައްކަތް ރައީސް ބައްލަވައިފި
ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތް، އެ ރަށަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވައިލައްވައިފި އެވެ.
ރައީސް އެ ރިސޯޓަށް ވަޑައިގަތި މި ވަގުތު އައްޑޫގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ މަނިކުފާނު އެ ރިސޯޓަށް ވަޑައިގަތުމުން ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން މިއަދު ވަނީ ރިސޯޓް ހުޅުވުމުގެ ކުރިން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ޕްރެޒެންޓޭޝަނެއް ހިއްސާކުރައްވާފަ އެވެ.
އެގޮތުން މި އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހުޅުވުމަށް ރިސޯޓްގެ އޯނަރުން އަދި މެނޭޖްމަންޓުން ވަމުންދާ ތައްޔާރީތަކުގެ ތަފްސީލް ހިއްސާކުރެއްވި އެވެ.
އޭގެ ތެރޭގައި ރިސޯޓްގެ ވޯޓާ ވިލާތަކާއި، ރެސްޓޯރަންޓްތަކާއި ޑެކިން ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ މައުލޫމާތު ރައީސަށް ދެއްވިއެވެ.
އަދި ރިސޯޓް ބަންދުކޮށްފައިވީ ނަމަވެސް ތަނުގެ މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވާ ކަމަށް މެނޭޖްމަންޓުން ވަނީ ފާހަގަކުރައްވާފަ އެވެ.
ޕްރެޒެންޓޭޝަނަށް ފަހު ރިސޯޓްގެ ފަރާތުން ވަނީ ރައީސްއަށް، ރިސޯޓްގެ ހުޅުވުމަށް ވަމުންދާ ތައްޔާރިތައް ދައްކާލެއްވުމަށް ހާއްސަ ޓުއާއެއް ވެސް ދެއްވި އެވެ.
މި ޓުއާގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލްކުރައްވާ ބައެއް މެމްބަރުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.
2009 ވަނަ އަހަރު އައްޑޫގައި ހުޅުވި، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހު، ކޮވިޑްގެ ހާލަތުގައި ކުރިމަތިވި ތަދުމަޑުކަމާ ހުރެ އެވެ.
ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްގީކޮށްފައިވާ މި ރިސޯޓްގައި 284 އެނދު ހުރެ އެވެ.

