ޚަބަރު

އ.ދ. ގެ ކޮޕުއަސްގެ މެންބަރުކަން ރާއްޖެއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އ.ދ.ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ (ކޮޕުއަސް) މެންބަރުކަން ރާއްޖެއަށް މިއަދު ލިބިއްޖެއެވެ.

ކޮޕުއަސްއަކީ ބޭރު ޖައްވު ސުލްހަވެރިކަމާ އެކު ދިރާސާކޮށް ބޭނުންކުރުމުގެ މަގްސަދު ހާސިލްކުރުމަށް ޓަކައި ގައުމުތަކުގެ ދެމެދުގައި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އ.ދ. ގެ ކޮމިޓީއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮޕުއަސްގެ މެންބަރުކަން ހާސިލްކުރުމުގެ ސަބަބުން ރާއްޖެއަށް ބޭރު ޖައްވު ސުލްހަވެރިގޮތުގައި ބޭނުންކުރުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑު ބައްޓަންކުރުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި އޭގެ އިތުރުން، ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީއާއި އީޖާދީ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެކަމަށް ބުންޏެވެ.

ހަމަ އެހެންމެ ރާއްޖެއަށް ބޭރު ޖައްވުގައި ބެހެއްޓިފައިހުރި އުޅަނދުތައް މެދުވެރިކޮށް ލިބޭ މައުލޫމާތާއި ޑޭޓާގެ އެހީގައި މޫސުމީ ބަދަލުތައް ދުރާލާ ފުންކޮށް ދެނެގަތުމާއި، ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާއި، ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެއާއެކު، ހޮންޑޫރަސް، ޒިމްބާބްވޭ، މޯލްޓާ، ގަމްބިއާ އަދި ކޯޓްޑިވޯރ ވެސް އެ ކޮމިޓީގެ މެންބަރުކަން ވަނީ ހޯދައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!