ޕާޓީން ވަކިކުރުމުން މެންބަރުކަމުގައި ބަހައްޓަން ވޯޓެއް ނަގާ ގޮތަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިންތިހާބުވާ ސިޔާސީ ޕާޓީން ވަކިކުރާ ހާލަތުގައި ދާއިރާ ރައްޔިތުންގެ އާންމު ވޯޓެއް ނަގަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީ އިސްލާހުކުރަން ބިލެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
މަޖިލީހުގެ މެންބަރު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ ވެސް މި މަޖިލީހުންނެވެ. މަޖިލީހުން އޭރު ގެނައި އިސްލާހަށް އިސްލާހެއް މި ބިލުގައިވެ އެވެ.
ބިލުގައި ހިމަނާފައިވަނީ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކުރާ މާއްދާއަށް ދެ އަކުރު އިތުރުކުރުމަށެވެ.
ފުރަތަމަ އަކުރުގައި ބުނެފައިވަނީ ޕާޓީން ވަކިކުރާ ހާލަތުގައި މެންބަރު ކަމުން ވަކިވާނީ ގާނޫނުގައި ބަޔާންކުރާ ގޮތެއްގެ މަތިން ދާއިރާގެ ރައްޔިތުންގެ މެދުގައި ނަގާ އާންމު ވޯޓެއްގައި އެ ކަމަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށެވެ.
ދެވަނަ އަކުރުގައި ބުނެފައިވަނީ އެ ގޮތަށް އަގުލަބިއްޔަތު ނުލިބޭ ހާލަތުގައި މެންބަރުގެ ގޮތުގައި ދެމިހުރެވޭނީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއް ގޮތުގަ އެވެ. އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެންބަރު ކަމުން ވަކިވާނެ ކަމަށް ބިލުގައިވެ އެވެ.
