މާލޭގައި ދަތި ހާލުގައި އުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލު ކުރަނީ
މާލޭގައި ތޮއްޖެހިން އުޅޭ ތަންތަނުގައި ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާ ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ މާލޭގައި ދަތި ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން އެއަށްވުރެ ރަނގަޅު ފެންވަރުގެ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި އިމްގްރޭޝަނާއި މާލޭ ސިޓީކައުންސިލްއާއި ގުޅިގެން މާދަމާ ފަށާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްގެތެރޭގައި ދޮޅުހާހާއި ގާތްކުރާ ޢަދަދަކަށް ބިދޭސީން ބަދަލުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މާދަމާ ފަށާނަން މާލޭގައި ވަރަށް ހާލަތު ގޯސްގޮތްހުރި ތަންތަނުން އެހެނިހެން ދިމަދިމާލަށް ބަދަލުކުރަން. ކުރިޔަށްއޮތް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ލަފާކުރެވެނީ ދޮޅުހާހެއްހާ މީހުން މި ދިމާތަކުން އެހެން ދިމަދިމާތަކަށް ގެންދެވޭނެކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.
މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުން، ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ހުޅުމާލެއާ ގުޅިފަޅަށް 5000 މީހުން ބަދަލުކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާލޭގެ އެކި ތަންތަކުގައި އެކަށީގެން ނުވާވަރަށް ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުން މީހުން މަދުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިހާތަނަށް ސަރުކާރުން ވަނީ އެފަދަ 14 ތަނެއް ފާހަގަކޮށް އެތަންތާ ދިރިއުޅޭ ބިދޭސީން ވަގުތީގޮތުން ހުޅުމާލެއާއި ގުޅީފަޅުގައި ހުރި ބައެއް ޢިމާރާތްތަކަށް ގެންދިއުމަށް ނިންމާފައެވެ.
މިނިސްޓަރ ފައްޔާޒު ވަނީ ބިދޭސީން ތޮއްޖެހޭ މައްސަލައަށް ދާއިމީ ޙައްލެއްގެނައުމަށް މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރާއިރު އެތަނުގެ ވަކި ސަރަހައްދެއްގައި ބިދޭސީ މަސައްކަތުމީހުންނަށް ޚާއްސަ ވިލެޖެއް ހަދާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.