ޚަބަރު

ރިސޯޓުތަކުގައި މަސް ކައްކަން ޖެހޭ ކަމަކަށް ނުދެކެން: ފައްޔާޒު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ރިސޯޓުތަކުގައި މަސް ކައްކަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރު ކުރުމަށް ހުންނަ ބަދިގެތަކަކީ މަސް ކެއްކުމާއި ލޮނުމަސް އެޅުމަށް ވެސް ކަމުދާ ފެންވަރުގެ ބަދިގެތަކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނިކޮށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފަސް ތަރީގެ ރިސޯޓެއް ނުވަތަ ތިން ތަރީގެ ރިސޯޓެއް ވިޔަސް މަސްކައްކާ ތަނަކަށްބަދަލުކުރަން ޖެހޭ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މަސް ކައްކަން ބޭނުން ވެއްޖެނަމަ ބައިވަރު ތަންތަން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މަސް ކައްކަން ބޭނުން ނަމަ އެބަހުރި މީހުން ދިރިއުޅޭ ރަށްތަކާއި ފަޅު ރަށްތައް ވެސް އެބަހުރި، ސަރުކާރުގެ ލެވެލްގައި އެއަށް ފުރުސަތުތަކެއް ހޯދައިދޭންވީ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، އަހަރު ދެ އަހަރު މިކަން ދިގު ދެމިގެން ގޮސް ދުނިޔެ އެއްކޮށް ބަންދު ވެގެން ގޮސްފިއްޔާ ރިސޯޓުތަކުގައި ފަތްތައް ފަޅައި ކޮޓަރިތަކާއި ބަދިގެތައް ހަލާކުވެފައި ހުންނާނީ ދެއްތޯ." މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެކި ބޭފުޅުން ފާޅު ކުރައްވާނީ އެކި ހިޔާލު ކަމަށާއި އެގޮތުން މަޖިލީހުން ވެސް ވަރަށް ރަނގަޅު ހިޔާލު ފާޅުކުރަމުން ދާ ކަމަށެވެ. އަދި ކުރިއަށް އޮތްތާ ޓޫރިޒަމް ކުރިއަށް ނުދާ ނަމަ ރިސޯޓުތަކުގެ ބަދިގެ ތަކުގައި މަސް ކެއްކުމަކީ ރަނގަޅު ކަމެއް ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރިސޯޓުތަކުން އެހެން ހިދުމަތެއް ނުވަތަ އުފައްދާ ކަމަށްވާ ނަމަ ރިސޯޓުތަކުގެ ކުލިން ބައެއް އުނި ކުރެވިގެން ހިނގައިދާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރު ކުރުމަށް ހުންނަ ބަދިގެތަކަކީ އެންމެ ފުރިހަމަ ބަދިގެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ބަދިގެތަކަކީ މަސް ކެއްކުމާއި ލޮނު މަސް އެޅުމަށްވެސް ކަމުދާ ފެންވަރުގެ ބަދިގެތަކެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!