ގާޒީ ފާއިޒު ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމައިފި
ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ފާއިޒުގެ މައްޗަށް ތުހުމަތު ކުރަނީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ދެ ފަރާތެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ޚިލާފަށް އަމަލުކުރިކަމެވެ.
އެއިން އެކަކަކީ އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލި މައްސަލައިގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހުމާނެވެ. ދެން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި ހުރީ މީހެކެވެ.
ޖޭއެސްސީން ބުނީ އެއިން އެއް ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމީ ގާނޫނުތަކާ ޚިލާފަށްކަން ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ފަނޑިޔާރުކަމުން ފާއިޒު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމިއެވެ.

