ވިލިމާލޭ ނިކަގަސްތައް ކަނޑައިނުލަން ރައީސް ނަޝީދު ގޮވައިލައްވައިފި
ވިލިމާލޭ ނިކަގަސްތައް ކަނޑައިނުލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވައިލައްވައިފިއެވެ.
ނަޝީދު އެކްސްގައި ލިއުއްވީ އެއިން އެއް ގަހަކީ ސަމްޝުއްދީން ރަދުން ފުވައްމުލަކުން ގެނެސް އެ ތަނުގައި ބަހައްޓައިފައިވާ ގަހެއް ކަމަށެވެ. އަދި އެއީ ވިލިމާލޭގައި ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން މެންދުރު މަސައްކަތް ކުރުވުމަށް ފަހު މަޑުޖެހިލަން ވަގުތުކޮޅެއް ދޭން ވެގެން ބޭތިއްބި ތަނެއް ކަމަށް ވެސް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ޖަލު ހުކުމްތަކެއް ތަންފީޒުކުރެއްވި ނަޝީދު ވިދާޅުވިއެވެ.
"100 އަހަރަށްދާ ތަރިކައެއް. މި ގަސް ކަނޑައިނުލައްވާ," ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މުއައްސިސް ނަޝީދު ލިއުއްވައިފައި ވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އެކު މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން ވަނީ ދެ ނިކަގަހެއްގެ މޫތައް ދިގުވެ ގޭގެއަށް ފޯރާތީ ޝަކުވާކޮށްފައެވެ.
އެހެންވެ ބައްދަލުވުމުގައި ބައިވެރިވި މީހުން އަތް ނަގާ ގޮތަށް ވޯޓެއް ނެގުމަށް ފަހު އެ ދެ ގަސް ކަނޑައިލަން އަގުލަބިއްޔަތު ލިބުމުން އެ ގޮތަށް ރައީސް މުއިއްޒު ނިންމެވިއެވެ.
އަދި ރޭ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ދެ ނިކަގަހުގެ ބަދަލުގައި 300 ގަސް އިންދުމަށް އަންގަވައިފައިވާ ކަމަށެވެ.

