އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއިލް ވާދަކުރައްވަނީ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާދަކުރައްވާނެކަން މިރޭ އިއުލާން ކުރައްވައިފިއެވެ.
މީކާއިލް މިރޭ އެކްސްގައި ލިއުއްވީ ޕާޓީގެ ލީޑާޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މި މަސައްކަތުގައި ޕާޓީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީކާއިލްގެ ޕޯސްޓް އެމްޑީޕީގެ ދެ ފެކްޝަންގެ ވެސް ބައެއް މެންބަރުން ރިޕޯސްޓްކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް މީކާއިލް ފެންނަނީ ވެސް ވަކި ކޮޅަކަށް އަދި ވަޑައިނުގެން ހުންނެވި ތަނެވެ.
ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި އޭނާ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޖެހެން ދެން ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގައެވެ.
މީކާއިލްގެ އިތުރުން ދެން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެ ކަމަށް އެއްވެސް ބޭފުޅަކު އިއުލާން ކުރައްވައިފައެއް ނުވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ މިދިޔަ ހޯމަ ދުވަހު އެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުންނެވެ. އެމްޑީޕީގެ މިދިޔަ ސަރުކާރު އެންމެ ނުފޫޒު ގަދަ މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވައިފައެވެ. ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވީ ވެސް ޕާޓީގެ އެހެން ލީޑަރުންނަށް ވެސް ހަމަހަމަ ފުރުސަތެއް ދެއްވަން ކަމަށް ވިދާޅުވެއެވެ.
