ދުނިޔެ

ސައިކްލޯން ދިތްވާހްގެ ގެއްލުން ލިބުނު ސްރީ ލަންކާއަށް އެހީވުމަށް އިންޑިއާއިން 'އޮޕަރޭޝަން ސާގަރ ބަންދޫ' ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސައިކްލޯން ދިތްވާހްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސްރީ ލަންކާއަށް އެހީވުމަށް އިންޑިއާއިން ވަނީ ކޮމްޕްރެހެންސިވް ރިލީފް އޮޕަރޭޝަނެއް ކަމަށްވާ 'އޮޕަރޭޝަން ސާގަރ ބަންދޫ' ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ޓީމުތަކާއި އަސްކަރީ އެސެޓްތައް ވަނީ ސްރީ ލަންކާއަށް ފޮނުވާފައެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވަނީ އެންޑީއާރްއެފްގެ މީހުން ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަލާމަތީ އަދި އެހީގެ މަސައްކަތްތައް ކުރަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ.

Ads by Creative Network

ކޮލޮމްބޯގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެންޑީއާރްއެފް ޓީމުތަކުން ދިޔަވަރު ބޮޑުވެ، އެއްގަމު މަގުން ދެވޭނެ ގޮތް ނެތް ސަރަހައްދުތަކުގައި މުހިންމު ސަލާމަތީ މަސައްކަތްތައް ކުރަމުންދާއިރު، އެ ސަރަހައްދުތަކުގައި ތާށިވެފައިވާ ރައްޔިތުން ރައްކާތެރި ތަންތަނަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އަވަސް އިންސާނީ އެހީގެ މިޝަންތަކަށް އިންޑިއާގެ އެއަރ ފޯސްގެ Mi-17 V5 ހެލިކޮޕްޓަރުތައް ކޮލޮމްބޯގައި ވަނީ ބޭނުންކުރުމަށް ތައްޔާރުކޮށްފައެވެ. މީގެ އިތުރުން ބޮޑެތި އަދަދަކަށް މީހުން ބަދަލުކުރުމަށްޓަކައި ޓްރާންސްޕޯޓް އެއަރކްރާފްޓްތައް ވެސް ވަނީ ތައްޔާރުކޮށްފައެވެ.

މިހާތަނަށް އިންޑިއާއިން ވަނީ 27 ޓަނުގެ އެހީގެ ތަކެތި ވައިގެ މަގުން ސްރީ ލަންކާއަށް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި އައިއެންއެސް ވިކްރާންތު އަދި އައިއެންއެސް އުދަޔްގިރީ ފަދަ އުޅަނދުތަކުން ފޯރުކޮށްދިން ތަކެތި ހިމެނެއެވެ. އިންޑިއާގެ ނޭވީގެ ހެލިކޮޕްޓަރުތަކުން ވަނީ ޕަންނާލާގައި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައިވާ އަށް މީހަކު ސަލާމަތްކޮށްފައެވެ. މުޅި ގައުމުގައި ހިންގާ ސަލާމަތީ އަދި އެހީ ފޯރުކޮށްދިނުމުގެ މިޝަންތަކުގައި ސްރީ ލަންކާގެ ފޯސްތަކާ ގުޅިގެން ހަތަރު ހެލިކޮޕްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސައިކްލޯންގެ ސަބަބުން ސްރީ ލަންކާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސްރީ ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ރިޕޯޓުކޮށްފައިވާ ގޮތުގައި 153 މީހުން މަރުވެ، 191 މީހުން ވަނީ ގެއްލިފައެވެ. އަދި ގާތްގަނޑަކަށް 15,000 ގެ ވަނީ ހަލާކުވެ، 44,000 އެއްހާ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިއްސާނަޔަކަ ވަނީ ގައުމީ ކުއްލި ހާލަތު އިޢުލާނުކުރައްވާފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އިންޑިއާގެ ‘ނެއިބަރހުޑް ފަސްޓް’ ސިޔާސަތާއި ‘މަހާސާގަރު’ މެރިޓައިމް ވިޝަންގެ ދަށުން ސްރީ ލަންކާއާއެކު އިންޑިއާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އިންޑިއާއިން ދަނީ ބަންދަރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާށިވެފައިވާ އިންޑިއާގެ ދަތުރުވެރިންނަށް ކާނާ އާއި ފެން ފޯރުކޮށްދިނުމުގައި ވެސް އެހީތެރިވަމުންނެވެ. މިއީ ސަރަހައްދީ ކާރިސާތަކުގައި ފުރަތަމަ ރެސްޕޮންޑަރެއްގެ ދައުރު އިންޑިއާއިން އަދާކުރާކަން ހާމަކޮށްދޭ ކަމެކެވެ.

Ads by Ooredoo