ޝާހިދު، އދ.ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި
އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދގެ ސެކެރްޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒްއާ ނިއުޔޯކްގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދުއާއި ގުޓިރޭޒް ވަނީ ޝާހިދުގެ ރިޔާސަތުގެ ދަށުން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ކުރިއަށްދިޔަ އިރު، ދެބޭފުޅުން އެކުގައި ކުރެއްވި މަސައްކަތްޕުޅަށާއި، އޭރު ޝާހިދު ފެއްޓެވި ބައެއް މަސައްކަތްޕުޅުތައް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި އިންޓަނޭޝަނަލް ކޮމިއުނިޓީ އޯގަނައިޒޭޝަންގެ 'ފޮރ އަވަރ ފިއުޗަރ' ރިޕޯޓާ ބެހޭ މައުލޫމާތު ވެސް ޝާހިދު އދ.ގެ ސެކެޓްރީ ޖެނެރަލްއާ ހިއްސާކުރެއްވިއެވެ.
އދގެ މެމްބަރު 70 ގައުމާއި އދގެ ބައެއް ޖަމްއިއްޔާތަކުން ބައިވެރިވި ރަސްމިއްޔާތެއްގައި ޝާހިދު ވަނީ އިއްޔެ މި ރިޕޯޓާ ގުޅޭ ގޮތުން ކީނޯޓް ސްޕީޗެއް ވެސް ދެއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ މައްސަލަތަކަށް ހައްލު ހޯދުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ.
ޚާއްސަކޮށް، މިއަދުގެ މައްސަލަތަކަށް ހޯދާ ހައްލުތަކާ އެކު ގިނަ ދުވަހު އެ ހައްލުތަކުގެ ނަތީޖާ ތަހައްމަލުކުރަން ޖެހޭނީ މިއަދުގެ ޒުވާނުންކަން ފާހަގަކުރެއްވިއެވެ.
ޒުވާނުން ކުރިއެރުވުމަށް އަދި އދގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުމަށް ޝާހިދު ފެއްޓެވި މަސައްކަތްޕުޅު، ޝާހިދަށް ފަހު އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވާ ބޭފުޅުން ވެސް ކުރިއަށް ގެންދަވާކަން ވެސް ފާހަގަކުރެއްވިއެވެ.
ފޮރ އަވަރ ފިއުޗަރ ރިޕޯޓަކީ މިދިޔަ އަހަރު އދއިން އެޑޮޕްޓްކުރި ޕެކްޓް ފޮރ ދަ ފިއުޗަރއާ ގުޅުވައިގެން، ބައިނަލްއަޤްވާމީ ސުލްހައަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން ނެރުނު ރިޕޯޓެކެވެ.

