ރާއްޖޭން ލަންކާއަށް ދޭ އިންސާނީ އެހީ ރަސްމީކޮށް އެ ގައުމާ ހަވާލުކޮށްފި
"ޑިޓުވާ" ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ދިމާވި ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރި އިންސާނީ އެހީ ސްރީލަންކާގެ ސަރުކާރާ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
އޭގެ ތެރޭގައި ސަރުކާރުން ފޯރުކޮށްދިން 50،000 އެމެރިކާ ޑޮލަރުގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާއާއި އެހެނިހެން އަމިއްލަ މީޑިއާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 834,843.98 އެމެރިކާ ޑޮލަރު ހިމެނެއެވެ.
ފައިސާގެ އެހީއާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ)އިން އުފައްދާފައިވާ 25،000 ކޭސް މަސްދަޅު ސްރީލަންކާ ސަރުކާރާ ހަވާލުކުރެއްވީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މަސްޢޫދު ޢިމާދެވެ.
މި 25،000 ކޭސް މަސްދަޅު ސްރީލަންކާއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން، އެ ކުންފުނީގެ އެމް.އެސް.އެސް. ގަލީނާ ބޯޓުގައެވެ.
ދިވެހި ސަރުކާރުން ފޯރުކޮށްދިން މި އެހީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން، ސްރީލަންކާގެ ހާލުގައި ޖެހުނު އާއިލާތަކަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ޓަކައި ކޮޅުނބުގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި މިހިނގާ ޑިސެމްބަރު މަހުގެ 1އިން 5ގެ ނިޔަލަށް ތަކެތި ހަދިޔާކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ތަކެތި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރއާއެވެ.
ރާއްޖެއިން އުއްމީދުކުރަނީ، ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މި އެހީއިން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެކަމަށެވެ. އަދި ރާއްޖޭގެ ގިނަ ފަރާތްތަކުން ގުޅިގެން ސްރީލަންކާއަށް އެހީވުމަށް މި ކުރެވުނު މަސައްކަތްތައް ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ބަދަހި ގުޅުމެވެ. ސްރީލަންކާގެ އިންސާނީ، އިޖްތިމާޢީ އަދި ތަރައްޤީގެ މަޝްޢޫރުތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދީ އެހީތެރިވާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

