އިންޑިއާއާއި އެމެރިކާއިން ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތްތަކަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ގޮވާލައިފި
އިންޑިއާއާއި އެމެރިކާއިން ގުޅިގެން ވަނީ ޕާކިސްތާނަށް ހިމާޔަތް ލިބިގެން ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް، ޚާއްސަކޮށް ލަޝްކަރޭ ތޯއިބާ (އެލް.އީ.ޓީ) އާއި ޖައިޝް-އީ-މުހައްމަދު (ޖޭ.އީ.އެމް) އަދި އެތަންތަނުގެ ޕްރޮކްސީ ގްރޫޕްތަކާއި އެހީތެރިންނަށް، އ.ދ.ގެ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލާފައެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި އ.ދ.ގެ 1267 ވަނަ ދަތިކުރުމުގެ ނިޒާމުގެ ދަށުން އެސެޓްތައް ފްރީޒްކުރުމާއި، ދަތުރުފަތުރު މަނާކުރުމާއި، ހަތިޔާރުގެ އެމްބާގޯ ހިމެނެއެވެ.
ޑިސެމްބަރު 3 ވަނަ ދުވަހު ނިއުދިއްލީގައި ބޭއްވުނު ޓެރަރިޒަމާ ދެކޮޅަށް މަޝްވަރާ ކުރުމުގެ ބައްދަލުވުމެއްގައި، ދެ ގައުމުން ވަނީ އައި.އެސް.އައި.އެސް އާއި އަލް-ޤައިދާގެ ގުޅުން ހުރި އިތުރު ޖަމާއަތްތަކަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ދެ ގައުމުގެ ގުޅިފައިވާ މަސައްކަތްތެރި ގްރޫޕެއްގެ އިމުގެ ތެރެއިންނާއި، 'ޑެޒިގްނޭޝަންސް ޑައިލޮގް' ގެ ނަމުގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރާ ކަމެކެވެ.
އިންޑިއާއިން ވަނީ އެލް.އީ.ޓީގެ ޕްރޮކްސީ ގްރޫޕެއް ކަމަށްވާ ދަ ރެސިސްޓެންސް ފްރަންޓް (ޓީ.އާރު.އެފް) އަކީ ބިދޭސީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. ޓީ.އާރު.އެފް އިން ވަނީ ޕަހަލްގަމްގެ ޓެރަރިސްޓް ހަމަލާގެ ޒިންމާ ނަގައިފައެވެ. މި ހަމަލާ ދެ ގައުމުންވެސް ވަނީ އެންމެ ހަރުކަށި ބަހުން ކުށްވެރިކޮށްފައެވެ.
ހޮނިހިރު ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ދެ ގައުމުން ވަނީ ޓެރަރިޒަމާ ދެކޮޅަށް ދެމިހުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި އ.ދ.، ކުއަޑް، އަދި ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފް.އޭ.ޓީ.އެފް) ފަދަ މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގެ ތެރެއިން ގުޅުން ބަދަހިކުރުމުގެ ޢަޒުމް އާކޮށްފައިވެއެވެ.
މި މަޝްވަރާތަކުގައި ޑްރޯނާއި، ޔޫ.އޭ.ވީ (މީހަކު ނާރުވާ އުޅަނދު) އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ތަކެތި ޓެރަރިސްޓް މަޤްސަދުތަކަށް ބޭނުންކުރުން ފަދަ އާ ނުރައްކާތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ. ދެ ފަރާތުން ވަނީ ތަމްރީނު ދިނުމާއި، ސައިބަރ ސެކިއުރިޓީ އިނިޝިއޭޓިވްތަކާއި، މައުލޫމާތު ހިއްސާކުރުމާއި، ޤާނޫނީ އެހީތެރިކަން ދިނުން ހިމެނޭ ގޮތަށް ޖުޑީޝަލް މަސައްކަތްތައް ހަރުދަނާ ކުރުމަށް އެއްބަސްވެފައެވެ.
މި ބައްދަލުވުންތަކުގެ އިސްކޮށް ހުންނެވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ކައުންޓަރ ޓެރަރިޒަމްގެ ޖޮއިންޓް ސެކްރެޓަރީ ވިނޯދް ބަހާދޭ އާއި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް ކައުންޓަރޓެރަރިޒަމްގެ ސީނިއަރ ބިއުރޯ އޮފިޝަލް މޮނިކާ ޖޭކޮބްސަންއެވެ. މި މަޝްވަރާތަކުން ދައްކުވައިދެނީ އިންޑިއާ-އެމެރިކާގެ ކޮމްޕްރެހެންސިވް ގްލޯބަލް ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ފުންކަމާއި، ދެ ގައުމަށް ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކާ އެއްބާރުލުމާއެކު ކުރިމަތިލުމަށް އޮތް ޢަޒުމެވެ.

