ޝަރާގެ ނަސޭހަތް ޓިކްޓޮކް ތަރިންނަށް:ވީޑިއޯ ދޫކޮށްލެވެނީ ޕަބްލިކަށް ، އަންނާނެ ކޮމެންޓްތަކަށް ތައްޔާރުވާން ޖެހޭ
ޓިކްޓޮކް އަކީ ކޯއްޗެއްކަން ނޭނގޭ މީހުން މިޒަމާނުގައި ވަރަށް މަދު ވާނެއެވެ.އަމުދުން ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މުނިފޫހިފިލުވުމުގެ ގޮތުންނާއި ތިމާގެ ހުންނަ ހުނަރު އެހެން މީހުންނަށް ވެސް ދައްކާލުމަށް ބޭނުންކުރާ މިވަސީލަތަކީ ކުރު ފިލްމާއި ވީޑިއޯތައް ކުޅެވިދާނެ "ކުޑަ ސްކްރީނެއް" ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.
ބޭރު މީހުންނެކޭ އެއް ފަދައިން ރާއްޖޭގައި ވެސް މިހާރު ޓިކްޓޮކް މިވަނީ ވަރަށް ބޮޑަށް ވައިގާ ހިފާފައެވެ. ފިލްމީ ދާއިރާއަށް ބެލިނަމަވެސް، އައު މޫނުތައް ފިލްމަކަށް ނުވަތަ ސީރީޒަކަށް ނަގަން ބޭނުންވާ ކަމަށްވާނަމަ، ބައެއް ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެންމެ ފުރަތަމަ ވެސް ހާވާ އެކައްޗަކީ ޓިކްޓޮކެވެ. އެކްޓިންގެ ދާއިރާގައި ހުނަރުވެރި ފަންނާނުން ހޯދުމަށެވެ.
އެފަދަ އެއް ފަންނާނަކީ މަޝްހޫރު ވެބްސީރީޒް "އެހެނަސް" ގެ ލީޑް ރޯލުން ފެނިގެންދާ ފާތިމަތު ޝަރާ އާދަމް އެވެ. ޝަރާގެ އެކްޓިންގެ ހުނަރު އެންމެ ފުރަތަމަ ފެނިފައިވަނީ "މިއުޒިކަލީ" އުފައްދައިގެން އުޅުނުއިރު "އޮޅިގެން އާއްމު ކުރެވުނު" ވީޑިއޯ އަކުންނެވެ.
"އެއީ 2018 ވަނަ އަހަރު. އެއިރު ހުންނަނީ މިއުޒިކަލީ، ޓިކްޓޮކް އެއް ނޫން. ކޮއްކޮއާއި އެކީ މަޖަލަކަށް ކޮންމެވެސް ލަވަޔަކަށް ޖޯކު ޖަހާފަ އެކްޓު ކޮށްފަ ވީޑިއޯއެއް ހެދީ. ދެން އެއިރު އެހާ ނޭނގޭ އެއާއި ކުޅޭކަށް. ހީކުރީ އެވީޑިއޯ އަޕްލޯޑް ކުރެވުނީ ޕްރައިވެޓްގަ ކަމަށް. އެކަމަކު އޮޅިގެން ޕަބްލިކް އަށް ލެވިފަ އިނީ. ދެން ރަށްޓެއްސަކު އެއް ދުވަހު އައިސްފަ ބުނީ ޝަރާ އެބައިނޯ މިއުޒިކަލީގަ ޕަބްލިކަށް ވީޑިއޯއެއް ލާފަ. ޝަރާއަކާ ނުވެސް ގުޅެޔޯ. ތިކަމެއް ނުވެސް ވާނެޔޯ. ޝަރާ އާއި ނުގުޅެޔޭ ނުވާނޭ ބުނީމަ ބޭނުންވީ ވާނެކަން ދައްކަން. އެހެންވެ އެދުވަހަށްފަހު ޓިކްޓޮކް ކުޅެން ފަށައިގެން ކުރިއަށް މިދަނީ" ޓިކްޓޮކް ކުޅެން ފެށުނުގޮތް ކިޔައިދެމުން ޝަރާ ބުންޏެވެ.
ޝަރާ ކުޅެފައިހުރި ޓިކްޓޮކް ވީޑިއޯތަކަށް ބަލާއިރު އެންމެ ކުރިންސުރެ ފެށިގެން މިހާތަނަށް ވެސް ވަރަށް ތަފާތު ވީޑިއޯތައް އޭނާ ކުޅެފައި ހުރިތަން ފެނެއެވެ. އޭގެ ތެރޭގައި އޭނާގެ ނެށުމުގެ ބައެއް ވީޑިއޯތަކާއި އަދި މިހާރަށް ބަލާނަމަ، އެކިއެކި އިހުސާސްތައް އޭގެ އެންމެ ފުރިހަމަ ކަންމަތީ އޭނާ ދައްކުވައިދީފައިވެއެވެ.
"ކުރިން ޓިކްޓޮކް ކުޅެން ފެށިއިރު ހުންނާނެ ޑާންސް ވީޑިއޯތައް ވެސް، މަޖާ ވީޑިއޯތައް ވެސް. އެކަމަކު މިހާރު އެހާ ވަގުތެއްވެސް ނުލިބޭ. އެހެންވެ މިހާރު ގިނައިން ހުންނާނީ އެކަނި ހުންނަ ވީޑިއޯ. މިހާރު ގިނައިން ޓިކްޓޮކް ކުޅެނީ އެކްސްޕްރެޝަންތައް ޕްރެކްޓިސް ކުރަން. އެއީ އެކްޓިންގެ ދާއިރާގަ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ އެގޮތަށް ޕްރެކްޓިސް ކުރީމަ" ޝަރާ ކިޔައިދިނެވެ.
ޓިކްޓޮކް އަކީ ގިނަ ދިވެހިންވެސް ބަލާ އެއްޗަކަށްވުމުން، ވީޑިއޯއެއް ކުޅުމުން އެވީޑިއޯއަކަށް ބެލުންތެރިންގެ ފަރާތުން ލިބެނީ ކޮންކަހަލަ ރައްދެއްތޯ ސުވާލު ކުރުމުން ޝަރާ ބުނީ ގިނަ މީހުން ޝަރާގެ ވީޑިއޯތަކަށް ވަރަށް ތައުރީފު ކުރާ ކަމަށާއި ޕޮޒިޓިވް ކޮމެންޓްސް ދޭ ކަމަށެވެ.
"ގިނަ މީހުންނަށް ހަމަ ވަރަށް ކަމުދޭ. އެގޮތުން އަދި މިހާތަނަށް އެންމެ ގިނަ މީހުންނަށް ޝަރާގެ ވަރަށް ކަމުދިޔަ ވީޑިއޯއެއް އެއީ 'ޖޫމްނޭ ލަގޭގަ އާސްމާން' ރާގަށް ހަދާފަ އިން ޓިކްޓޮކް. އޭގައި ދައްކުވައިދީފަ އިންނާނީ އިހު ޒަމާނުގެ އެކްޓިންގެއް. ވަރަށް ގިނަމީހުން ހުރި އެވީޑިއޯ ޝެއާކޮށް، އެވީޑިއޯ ވަރަށް ރީތިކަމަށް ބުނި" ބެލުންތެރިންނަށް އޭނާގެ އެންމެ ކަމުދިޔަ ވީޑިއޯ ވެސް ކިޔައިދެމުން ބުންޏެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ "ބަޅިނދު" ފިލްމުގައި ވެސް ހަރަކާތްތެރިވާ ޝަރާ ބުނިގޮތުގައި، ޓީމްތައް ހަދައިގެން ޓިކްޓޮކްގައި އުޅުމަށްވުރެ ބޮޑަށް އޭނާއަށް ކަމުދަނީ އެކަނި ވީޑިއޯތައް ހަދާ މީހުންނެވެ.
ޝަރާ އެންމެ ކުޅޭ ހިތްވަނީ ޑައިލޮގްތައް ކިޔައިގެން ހަދާ ވީޑިއޯތައް ކަމަށާއި އެންމެ ފުރަތަމަ ޓިކްޓޮކް ކުޅެން ފެށިއިރު އެންމެ އުނދަގޫވީވެސް އެކަހަލަ ވީޑިއޯތައް އުފެއްދުން ކަމަށް ވެސް ޝަރާ ބުންޏެވެ.
ކޮންމެ ފަންނާނެއްގެ ވެސް އެންމެ މަގުބޫލު ތަރިންތަކެއް ތިބޭނެކަން ޔަގީނެވެ. އެގޮތުން ޝަރާގެ އެންމެ މަގުބޫލު ޓިކްޓޮކް ސްޓާރަކީ އިންޑިއާއިން ބަލާކަމަށްވަންޏާ "ނަގްމާ" ކަމަށާއި ރާއްޖެއިން ޝަރާއަށް އެންމެ ކަމުދަނީ ތީބާ ކަމަށް ވެސް ޝަރާ ބުންޏެވެ.
ކޮންމެއަކަސް، ރާއްޖޭގައި ވެސް މިހާރު ޓިކްޓޮކް ކުޅޭ މޮޅެތި ފަންނާނުން އިންތިހާއަށް ގިނައެވެ. އެހެންކަމުން އެފަންނާނުންނަށް ޝަރާގެ ފަރާތުން ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ސުވާލު ކުރުމުން ޝަރާ ބުނީ،
"ބުނެލަން ބޭނުންވަނީ، ޓިކްޓޮކް ވީޑިއޯތައް ހަދާއިރު ވިސްނާލާށޭ. ވީޑިއޯތައް އަޕްލޯޑް ތިކުރެވެނީ ޕަބްލިކަށޭ. އެހެންވީމަ ވަރަށް ގިނަ މީހުންނަށް ވީޑިއޯތައް ފެންނާނޭ. ވީޑިއޯއެއް ލުމުގެ ކުރިން އޭގެ ސަބަބުން މީހުންގެ ފަރާތުން އައިސްދާނެ ކޮމެންޓުތަކަށް ތައްޔާރުވެގެން ތިބެއްޗޭ. ކޮންމެ މީހަކީ ވީޑިއޯތަކަށް ސަނާ ކިޔާނެ މީހަކަށް ވެސް ނުވެދާނޭ. އެހެންވެ މީހުންގެ ފާޑު ކިޔުންތަކަށް ވެސް ތައްޔާރުވެގެން ވީޑިއޯ އަޕްލޯޑް ކުރައްޗޭ" މިހެންނެވެ