ދުނިޔެ

ގްލޯބަލް ސައުތު އިޤްތިޞާދީ ގޮތުން ބަދަލުކުރުމުގައި އިންޑިއާގެ ސްޓްރެޓީޖިކް ދައުރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ އިޤްތިޞާދީ މަންޒަރު މިހާރު ދަނީ ބޮޑު ބަދަލެއްގެ ތެރެއިންނެވެ. މި ބަދަލުތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ގްލޯބަލް ސައުތުގެ ޤައުމުތަކުގެ ޢަޒުމާއި އެއްބާރުލުމެވެ. ދުނިޔޭގެ އާބާދީގެ 85% އާއި ދުނިޔޭގެ ޖީޑީޕީގެ 40% ހިމެނޭ މި ޤައުމުތަކަކީ މިހާރު ހަމައެކަނި ވިޔަފާރީގެ މަގުތަކެއް ނޫނެވެ. އެއީ ދުނިޔޭގެ ވިޔަފާރީގެ މައިގަނޑު ބައިވެރިންނެވެ. ލަފާކުރެވޭ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ދުނިޔޭގެ މުދާ ވިޔަފާރި 32.6 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. އަދި މި ވިޔަފާރީގެ ދެބައިކުޅަ އެއްބައި ހިންގާނީ ގްލޯބަލް ސައުތުން ކަމަށް ވުމަކީ އިޤްތިޞާދީ ބާރުގެ ހަމަޖެހުން އަލުން އަންނަ ބަދަލެއްގެ ހެއްކެކެވެ.

Ads by Creative Network

މި ބަދަލު ފެންނަނީ ގްލޯބަލް ސައުތު ތެރޭގައި ވެސް ވިޔަފާރި އަވަހަށް ކުރިއަރަމުންދާ ގޮތުންނެވެ. މިހާރު އޭޝިއާގެ އެތެރޭގެ ވިޔަފާރި އެކަނި ވެސް އެ ބައްރުގެ ޖުމްލަ ވިޔަފާރީގެ 59% ހިއްސާކުރެއެވެ. އަދި ސައުތު އޭޝިއާ، ސައުތު އީސްޓް އޭޝިއާ، އެފްރިކާ އަދި ވެސްޓް އޭޝިއާ ގުޅުވައިދޭ ކޮރިޑޯތައް ދުނިޔޭގެ އެވްރެޖަށް ވުރެ ބާރަށް ފުޅާވަމުންދެއެވެ. އިޤްތިޞާދީ މާހިރުން ލަފާކުރައްވާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ދުނިޔޭގައި އެންމެ ބާރަށް ކުރިއަރާނެ ފަސް ސަރަޙައްދުގެ ތެރޭގައި ސައުތު އީސްޓް އޭޝިއާ، ސައުތު އޭޝިއާ އަދި އެފްރިކާ ހިމެނޭނެއެވެ. މި ދިހަ އަހަރު ތެރޭގައި ދުނިޔޭގެ މެދުފަންތީގެ ދެބައިކުޅަ ތިންބައި މީހުން ނިކުންނާނީ ގްލޯބަލް ސައުތުން ކަމަށް ވުމުން، ޑިޖިޓަލް ޚިދުމަތްތަކުން ފެށިގެން ދެމެހެއްޓެނިވި ހަކަތައާ ހަމައަށް ބާޒާރުތަކުގެ ބޭނުންތައް ބަދަލުވާނެއެވެ.

މި އާ އިޤްތިޞާދީ ނިޒާމުގައި އިންޑިއާ ދަނީ މުހިންމު ބާރެއްގެ ގޮތުގައި ފާހަގަވަމުންނެވެ. އެ ޤައުމުގެ ބޮޑު މިނާއި، އީޖާދީ ގާބިލިއްޔަތާއި، މަޤްޞަދު އެކުލެވިގެންވާ މި ދައުރު ވަރަށް މުހިންމެވެ. އިންޑިއާއިން ވަނީ އެ ޤައުމުގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ (ޑީޕީއައި) ފަދަ އިސްނެގުންތަކުގެ ތެރެއިން ތަރައްޤީގެ ޙައްލުތައް ދައްކާފައެވެ. މިކަމުގެ ސަބަބުން ވަގުތުން ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދެވޭނެ ގޮތް ހަދާފައިވެއެވެ. އަދި 150 އަށް ވުރެ ގިނަ ޤައުމަށް ވެކްސިން އާއި ބޭސް ފޯރުކޮށްދީފައިވެއެވެ. މި ކާމިޔާބީތައް ލިބިފައިވަނީ އެތައް ދިހަ އަހަރެއްގެ މުއައްސަސާވީ ބާރުގަދަކުރުމާއި، އިންސާނީ ވަސީލަތްތަކަށް އިންވެސްޓްކުރުމާއި، ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އިންޑިއާއިން އެފްރިކާ، ލެޓިން އެމެރިކާ އަދި ވެސްޓް އޭޝިއާއާ އެކު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަކީ ސައުތު-ސައުތު އެއްބާރުލުމުގައި އިންޑިއާގެ ދައުރު އިތުރަށް ބޮޑުކޮށްދޭ ކަމެކެވެ. ޑިޖިޓަލް އައިޑެންޓިޓީ ނިޒާމުތަކުން ފެށިގެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާ ހަމައަށް އިންޑިއާގެ ތަރައްޤީގެ ބައިވެރިކަމަކީ އޭގެ ޢަމަލީ ގާބިލިއްޔަތާއި، ހިއްސާކުރާ ތަޖުރިބާގެ ސަބަބުން ވަރަށް އަގުހުރި އެއްބާރުލުމެކެވެ. ހަމައެކަނި ޙައްލުތައް ފޯރުކޮށްދިނުމުގެ ބަދަލުގައި، އިންޑިއާއިން ބައިވެރި ޤައުމުތަކާ އެކު މަސައްކަތްކޮށް، ދިގު މުއްދަތުގެ އިތުބާރު ހުރި ގުޅުންތައް ބިނާކުރުމަށް އިސްކަންދެއެވެ.

މުސްތަޤްބަލަށް ބަލާއިރު، އިންޑިއާގެ ކުރިއެރުމަށް ބާރުލިބޭނީ ދެ އިންޖީނަކުންނެވެ: އެއް އިންޖީނަކީ ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ޚިދުމަތްތަކުގެ ސެކްޓަރެވެ. އަނެއް އިންޖީނަކީ އިލެކްޓްރޯނިކްސް، އިއާދަކުރަނިވި ހަކަތަ، ދިފާޢީ ސާމާނު އަދި ސެމިކޮންޑަކްޓަރ ފަދަ ދާއިރާތަކުގައި ކުރިއަރާފައިވާ އުފެއްދުންތަކެވެ. މި ހަމަޖެހޭ ކުރިއެރުމުގެ ސަބަބުން ދުނިޔޭގެ ވެލިއު ޗެއިންތަކުގައި އިންޑިއާގެ ބައިވެރިވުން ވަރުގަދަވެ، ބައިވެރި ޤައުމުތަކަށް ސަޕްލައި ޗެއިންގެ ދެމެހެއްޓެނިވިކަން އިތުރުކޮށްދޭނެއެވެ. ވެސްޓް އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ކުރިއެރުމުގެ ކޮރިޑޯތައް ވެގެންދާނީ ހަކަތަ ބަދަލުކުރުމާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ކާނާގެ ސަލާމަތާ ބެހޭ އެއްބާރުލުމުގެ މަރުކަޒުތަކަށެވެ.

އިންޑިއާގެ ކުރިއެރުމުގެ ދެވަނަ ފިޔަވަހީގައި ވިޔަފާރިތަކުން ދުނިޔޭގެ ފެންވަރުގައި އެމީހުންގެ ޢަޒުމު ބޮޑުކުރަން ޖެހޭނެއެވެ. އިންޑިއާގެ ކުންފުނިތައް ކަމަށްވާ އެފްއެމްސީޖީ، ފައިނޭންޝަލް ސަރވިސް، ބޭސް އުފެއްދުން އަދި ޓެލެކޮމިއުނިކޭޝަންސް ފަދަ ކުންފުނިތަކުން ދަނީ އެހެން ބާޒާރުތަކަށް ފުޅާވަމުންނެވެ. މި ކުންފުނިތަކުން ހަމައެކަނި ފައިސާ ނޫން، ޓެކްނޮލޮޖީއާއި ވަޒީފާގެ ފުރުސަތުތައް ވެސް ގެނެސްދެއެވެ. އަދި އެކުގައި ކުރިއެރުމުގެ ފުރުސަތުތައް ހިއްސާކުރެއެވެ.

ގްރާމީ ސަރަޙައްދުތަކުގެ އިންފްރާސްޓްރަކްޗަރަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރާ އިންވެސްޓްމަންޓްތައް – ކަރަންޓުގެ ޚިދުމަތް، ލޮޖިސްޓިކްސް، ފެނާއި ނަރުދަމާގެ ޚިދުމަތް، އަދި ސިއްޙީ ޚިދުމަތް – މިކަންކަމަކީ އިންޑިއާގެ އިޤްތިޞާދީ ބާރުގެ މުހިންމު ބައިތަކެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!