ދުނިޔެ

ޔޫރަޕަށް އޮތް ބޮޑު ނުރައްކަލެއް: ޕާކިސްތާނާއި ގަލްފު ގައުމުތަކުގެ ހިޖުރީ މަގުތަކުން އުފެދޭ ސަލާމަތީ ގޮންޖެހުންތައް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ އިގްތިސާދު ބިނާވެފައިވަނީ ގަލްފު ގައުމުތަކަށް މަސައްކަތްކުރަންދާ މީހުން ފޮނުވާ ފައިސާގެ މައްޗަށެވެ. 2025 ވަނަ މާލީ އަހަރުގައި އެކަނިވެސް ޕާކިސްތާނަށް ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 38.3 ބިލިއަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި ލިބިފައެވެ. ނަމަވެސް، އިގްތިސާދީ ނަޒަރަކުން ބަލާއިރު މުހިންމު މި މަގަކީ މިހާރު ސަލާމަތީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ މަގަކަށް ވަނީ ވެފައެވެ.

Ads by Creative Network

ގަލްފު ގައުމުތަކުގައި މަސައްކަތްކުރާ ލޭބަރުން ދިރިއުޅޭ ކޭމްޕުތަކަކީ އެކަހެރި ތަންތަނަށް ވުމާއި، އެތަންތަނުގައި ހިނގާ ނުރަސްމީ ދީނީ ނެޓްވޯކްތަކުގެ ސަބަބުން ހަރުކަށި ފިކުރު ފެތުރުމަށް މަގުފަހިވާ ތަންތަނަށް ވަނީ ވެފައެވެ. ދަރަނިވެރިވުމާއި އިންސާނީ ހައްގުތަކުން މަހްރޫމްވުން ފަދަ ކަންކަމުގެ ސަބަބުން މަސައްކަތްތެރިން ނަފްސާނީ ގޮތުން ބަލިކަށިވެފައި ތިބޭ ވަގުތުތަކުގައި، ތަފާތު ހަރުކަށި ފިކުރުތަކަށް އެމީހުން ލެނބިގެންދެއެވެ. މީގެ ސަބަބުން އެނބުރި ގައުމަށްދާ މީހުން ތަހްރީކޭ ތާލިބާން ޕާކިސްތާން (TTP) ފަދަ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ސަލާމަތީ ހާދިސާތަކާއި ތަފާސްހިސާބު

ސަލާމަތީ ނުރައްކާތަކާ ގުޅިގެން 2016 އާއި 2017 އާ ދެމެދު ސައުދީ އަރަބިއްޔާއިން އެކަނިވެސް ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް 40,000 އެއްހާ ޕާކިސްތާނު މީހުން ވަނީ ޑީޕޯޓްކޮށްލާފައެވެ. މީގެ އިތުރުން 2012 އިން 2015 އަށް ގަލްފުގެ އެކި ގައުމުތަކުން 240,000 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާއިރު، މީގެ ތެރޭގައި ގިނައީ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް، ޕާކިސްތާނު ސަރުކާރުން މި މީހުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުވަތަ ޑީބްރީފިންއެއް ނަގާފައެއް ނުވެއެވެ.

ޔޫރަޕަށް އޮތް ނުރައްކާ

މި މައްސަލައިގެ ސަބަބުން ޔޫރަޕަށް ސީދާ ނުރައްކަލެއް ކުރިމަތިވަނީ، ގަލްފުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޕާކިސްތާނު މީހުން އެނބުރި ގައުމަށް ދިޔުމުގެ ބަދަލުގައި ބޯލްކަންސް ނުވަތަ ލީބިޔާ މަގުން ޔޫރަޕަށް ހިޖުރަކުރަން މަސައްކަތް ކުރާތީއެވެ. މި މީހުން ޔޫރަޕަށް ވަންނައިރު، ގަލްފުގެ ކޭމްޕުތަކުން ލިބިފައިވާ ހަރުކަށި ފިކުރުތަކާއެކު ވަންނަ ނަމަވެސް، ޔޫރަޕުގެ ސަލާމަތީ އިދާރާތަކަށް މިކަން ދެނެގަނެވިފައެއް ނުވެއެވެ. ޔޫރަޕަށް ދިއުމަށްފަހު، އެމީހުން ގުޅެނީ ގަލްފުން ތަމްރީނު ލިބިފައިވާ ދީނީ އިލްމުވެރިންނާއެވެ.

ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތައް

މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ކަމާބެހޭ މާހިރުން ލަފާދެއްވަނީ، ޔޫރަޕުގެ ގައުމުތަކުން ވިސާ ދިނުމުގައާއި ހިމާޔަތް ދިނުމުގައި، އެމީހަކު ގަލްފުގެ ގައުމެއްގައި ގިނަ ދުވަހު އުޅެފައިވޭތޯ ބަލައި އެކަން ރަނގަޅަށް ތަހުގީގު ކުރުމަށެވެ. އަދި ގަލްފު ގައުމުތަކުން ޑީޕޯޓްކުރާ މީހުންގެ މައުލޫމާތު ޔޫރޯޕޯލް ފަދަ އިދާރާތަކާ ހިއްސާކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

މި މައްސަލައިގެ އަސްލަކީ ހަމައެކަނި ދީނީ ފިކުރެއް ނޫނެވެ. އެއީ ގަލްފުގެ ކޭމްޕުތަކުގައި މަސައްކަތްތެރިން ތަހައްމަލުކުރާ އަނިޔާވެރިކަމާއި، އެކަހެރިކަމާއި، މާޔޫސްކަމުގެ ނަތީޖާއެވެ. އެހެންކަމުން، ބޮޑު ހާދިސާއެއް ހިނގުމުގެ ކުރިން ބައިނަލްއަގުވާމީ ފެންވަރުގައި މިކަމަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް މާހިރުން ފާހަގަކުރެއެވެ.