ފާހިޝް އަމަލުތައް ހިންގާ 96 މަސާޖުޕާލާ ބަންދުކުރެވިއްޖެ: ރައީސް
ފާހިޝް އަމަލުތައް ހިންގާ 96 މަސާޖުޕާލާ ބަންދުކުރެވިފައިވާ ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. އަދި މި ފަދަ ތަންތަން ހިނގަމުންދަނީ އެ ތަންތަނުގެ ބޭނުން ހިފާ ފަރާތްތަކެއް ތިބުމުންކަމަށާއި އެއީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ހަގީގަތެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މި މެސެޖުގައި، މި މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކޮށް، މުޖުމަތަޢުގެ ހާލަތު ބަދަލު ކުރެވޭނީ ޢާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކުގެ ނިޔަތާއި ޢަމަލު އެ ފަދަ ކަންކަމުގައި އެއްގޮތްވެ، އެންމެންގެ ހިޔާލު ވެސް އެ ކަންކަމުގައި އެއްގޮތްވެގެންކަމުގައި ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ، އަޅުގަނޑުމެންނަކީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށް އެދި ދުއާ ކުރައްވަމުންނެވެ.

