ޚަބަރު

ޝުއައިބު ، ނަޝީދަށް: ތިޔައީ ދަހިވެތި އަދި ބާރު ހޯދުމަށް ފެންބޮވައިގެންފައިވާ މީހެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުން ސަސްޕެންޑް ކޮށްފައި ހުރި ޝުއައިބު އަލީ ، އެޕާޓީގެ ރައީސް ، ރައީސް ނަޝީދަށް ހޫނުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

Ads by Sosun Fihaara

ޝުއައިބު ، ރައީސް ނަޝީދަށް ބަހުގެ ހަމަލާއެއް ދެއްވާފައި މިވަނީ އިންޑިއާގެ މިނިވަންކަމުގެ ބާނީ ، މަހާތުމާގާންދީގެ އުފަންދުވަހާ ގުޅުވައިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރ ދެވަނަ ދުވަހު ފާހަގަ ކުރާ "ގާންދީޖަޔަންތީ" މުނާސަބަތުގައި ރައީސް ނަޝީދު އިއްޔެ ވިދާޅުވި ބަސްފުޅަށް ރައްދު ދެއްވަމުންނެވެ.

ރައީސް ނަޝީދު އިއްޔެ ޓްވިޓާގައި ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެޓިކް ހަމަތައް ގެނައުމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ގާންދީ ގެންގުޅުއްވި ހަމަނުޖެހުމާ ދެކޮޅު އަދި މަދަނީ ބަސްނޭހުމުގެ އުސޫލުތަކުން ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކުރުމާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ވުމަށް މަގުފަހިކޮށްދިނީ ވެސް އެކަންކަން ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވާ އެމަނިކުފާނުގެ ކުރީގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވީ ރައީސް ނަޝީދަކީ ދަހިވެތި އަދި ބާރު ހޯދުމަށް ފެންބޮވައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި މިހާރު ރައީސް ނަޝީދަކީ ވެރިކަމުގައި ހުންނެވިއިރު އެބޭފުޅުންނަށް ފެނުނު ރައީސްއާ މުޅިން ތަފާތު ބޭފުޅެއް ކަމަށް ވެސް ޝުއައިބު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނު ކަމަކީ ގާންދީގެ ހަމަނުޖެހުމާ ދެކޮޅު އުސޫލުކަން ރައީސް ނަޝީދު ފާހަގަ ކުރެއްވުމުން ޝުއައިބު ވަނީ އެކަމަށް ވެސް ފާޑު ކިޔާފައެވެ. އެގޮތުން 2004 ގެ އޮގަސްޓް 12،13 ގައި އެމްޑީޕީގެ އިސްވެރިންނާއި ސަޕޯޓަރުން އެއްވެ ހިނގި ހަމަނުޖެހުން ޝުއައިބު ވަނީ ހަނދާން ކޮށްދީފައެވެ.

ޝުއައިބު ވިދާޅުވީ ރައީސް ނަޝީދާ ގުޅޭ ގޮތުން އެފަދަ ވާހަކައެއް ދައްކަވަން ދެރަވާ ކަމަށާއި ނަމަވެސް އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމުން އެނގިލެއްވި ކަމަކީ އެއީ ކަމަށް ޝުއައިބު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޝުއައިބު ސަސްޕެންޑް ކޮށްފައި ވަނީ މީސްމީޑިއާގައި އެ ޕާޓީގެ އަގު ވައްޓަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. ޝުއައިބުގެ މައްޗަށް އެ ތުހުމަތު ކޮށްފައި ވަނީ ރައީސް އިބްރާހިމް ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދާ ދެބޭފުޅުންގެ ވާދަވެރިކަމަށް ފާޑު ކިޔައި ކާޓޫނުތަކެއް ތައްޔާރުކޮށް މީސްމީޑިއާގައި އާންމު ކުރުމާ ގުޅިގެންނެވެ.

  1. ޝުއައިބަކީ ހަގީގަތާއެއގޮތަށބަސްވިދާޅުވާ ބެއިފުޅެއް .ސާބަސް.

  2. އައި

    ސާބަސް ޝުއައިބު..