ދުނިޔޭގެ އެންމެ ގިނައިން ހަނޑޫ އުފައްދާ ގައުމަކަށް ޗައިނާ ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ ވެއްޖެ
ޗައިނާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ އުފައްދާ ގައުމުގެ ޝަރަފު އިންޑިއާއިން ހޯދައިފިއެވެ. އިންޑިއާގެ އެގްރިކަލްޗަރ މިނިސްޓަރ ޝިވްރާޖް ސިންގް ޗޯހާން އާދީއްތަ ދުވަހު އިއުލާން ކުރެއްވި ގޮތުގައި، އެ ގައުމުން ވަނީ ރެކޯޑް މިންވަރެއް ކަމަށްވާ 150.18 މިލިއަން ޓަނުގެ ހަނޑޫ އުފައްދާފައެވެ. މިއީ ދުނިޔޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.
މި އިއުލާނާއެކު މިނިސްޓަރ ޗޯހާން ވަނީ 25 ބާވަތެއްގެ ގަހަށް ހާއްސަ 184 އާ އޮށްޓަރުގެ ބާވަތްތަކެއް ތައާރަފްކުރައްވާފައެވެ. އިންޑިއަން ކައުންސިލް އޮފް އެގްރިކަލްޗަރަލް ރިސާޗް (ICAR) އިން ތަރައްގީކޮށްފައިވާ މި އޮށްޓަރުތަކަކީ މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ، ސޫފިތަކުން ރައްކާތެރިކަން ލިބިގެންވާ އަދި ފެނުގެ ލޮނުމިނަށް ކެތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބާވަތްތަކެކެވެ. މީގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް ދަނޑުވެރިންނަށް ލިބޭ އާމްދަނީ ބޮޑުކުރުމެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި 1969 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 7,205 ބާވަތެއްގެ ގަސްގަހާގެހި ނޯޓިފައި ކުރެވިފައިވާއިރު، އޭގެ ތެރެއިން 3,236 ބާވަތަކީ މިހާރުގެ ސަރުކާރުގެ ދައުރުގައި ހުއްދަ ދެވިފައިވާ ބާވަތްތަކެވެ. މިއީ އިންޑިއާގެ ދަނޑުވެރިކަމުގެ ދާއިރާއަށް އަންނަމުންދާ އިންގިލާބީ ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ހަނޑޫ އުފެއްދުންތެރިކަން 150.18 މިލިއަން ޓަނަށް އަރާފައިވާއިރު، ޗައިނާގެ އުފެއްދުންތެރިކަން ހުރީ 145.28 މިލިއަން ޓަނުގައެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް އިންޑިއާއިން ހާސިލްކޮށްފައި ނުވާފަދަ ބޮޑު ކާމިޔާބީއެކެވެ. މި ކާމިޔާބީއާއެކު އިންޑިއާގެ ކާނާގެ ރައްކާތެރިކަން ކަށަވަރުވެ، ބައިނަލްއަގުވާމީ ބާޒާރުގައި އިންޑިއާގެ ހަނޑުލުގެ ހިއްސާ އިތުރުވެގެންދާނެއެވެ.
އެގްރިކަލްޗަރ ސެކްރެޓަރީ ދޭވޭޝް ޗަތުރްވޭދީ އިތުރަށް ވިދާޅުވީ، ފެންވަރު ރަނގަޅު އޮށްޓަރުތައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ގައުމީ އަދި ސްޓޭޓް ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަލަށް ތައާރަފްކުރި 184 ބާވަތުގެ ތެރޭގައި ގޮވާމުގެ ބާވަތްތަކާއި، މުގާއި، ތެޔޮ އުފައްދާ އޮށްޓަރުގެ އިތުރުން ކަފަ ހިމެނެއެވެ.

