އެމެރިކާގެ ޓެރިފްތަކުން ސަލާމަތްވުމަށް އިންޑިއާއިން އެކްސްޕޯޓް މާކެޓްތައް ފުޅާކުރަން ފަށައިފި
އެމެރިކާއިން އިމްޕޯޓް މުދަލުން ނަގާ ބޮޑެތި ޓެރިފްތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމަށް އިންޑިއާއިން ގެންގުޅޭ ވިޔަފާރީގެ އައު ސިޔާސަތުގެ ދަށުން، އެކްސްޕޯޓް ކުރާ މާކެޓްތައް ފުޅާކުރުމުގެ ފައިދާ އެގައުމަށް ލިބެން ފަށައިފިއެވެ. އިންޑިއާގެ އެކްސްޕޯޓް މިހާރު ވަނީ ރެކޯޑް މިންވަރެއް ކަމަށްވާ 825 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.
އިންޑިއާގެ ކޮމާސް ސެކްރެޓަރީ ރާޖޭޝް އަގްރަވާލް ވިދާޅުވި ގޮތުގައި، ދާދި ފަހުން ނިއުޒީލެންޑާއެކު ގާއިމުކުރި ވިޔަފާރީގެ އެއްބަސްވުމަކީ ފާއިތުވި އެއް އަހަރު ތެރޭގައި އިންޑިއާއިން ސޮއިކުރި މިފަދަ ތިންވަނަ އެއްބަސްވުމެވެ. މީގެ ކުރިން އިންޑިއާއިން ވަނީ އިނގިރޭސިވިލާތާއި އޮމާންއާއެކު ވެސް ވިޔަފާރީގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
މި ކާމިޔާބީއާ ގުޅިގެން އިންޑިއާގެ އާންމުންނާއި އިގްތިސާދީ މާހިރުން އަންނަނީ މިއީ އިންޑިއާގެ ވިޔަފާރިއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރަމުންނެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މިއީ އިންޑިއާއިން އެޅި "މާސްޓަރ ސްޓްރޯކް" އެއްގެ ގޮތުގައި ސިފަކޮށް، މިއީ އިންޑިއާގެ އިގްތިސާދަށް ވަރަށް އުއްމީދީ އަހަރެއް ކަމަށް ބުނެފައެވެ.
އިންޑިއާއިން މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ އެމެރިކާއިން އިންޑިއާގެ އުފެއްދުންތައް ކަމަށްވާ ފޭރާމާއި ހަމުގެ ބާވަތްތަކުން ބޮޑު ޓެކްސްއެއް ނަގަން ފެށުމާ ގުޅިގެންނެވެ. ތާރީޚީ ގޮތުން ބަލާއިރު، އިންޑިއާގެ މުދަލުގެ އެކްސްޕޯޓްގެ 18 އިންސައްތަ ހިއްސާކުރަނީ އެމެރިކާއެވެ. މީގެ މައިގަނޑު ސަބަބަކީ އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ގިނަ އަދަދެއްގެ މީހުންގެ މެދުގައި އިންޑިއާގެ އުފެއްދުންތަކަށް އޮންނަ ބޮޑު ތަރުހީބެވެ.
އެހެންނަމަވެސް، އެމެރިކާއަށް އެކަނި ބަރޯސާވުން ކުޑަކޮށް، އެކި ގައުމުތަކާއެކު އައު ގުޅުންތައް ގާއިމުކުރުމަކީ އިންޑިއާގެ އިގްތިސާދު އިތުރަށް ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މާހިރުން ދެކެއެވެ.

