ޚަބަރު

ކޮވިޑް-19ގެ ކަންކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ ބަލަނީ

ކޮވިޑް19އާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގައި އެއްވެސް ކޮރަޕްޝަނެއްގެ އަމަލެއް ހިމެނޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑް19 އާ ދެކޮޅަށް ދައުލަތުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން، އެކި ސަބަބުތަކަކާ ހުރެ ރައްޔިތުންގެ އެކިކަހަލަ ކަންބޮޑުވުންތައް ހުރިކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑް19 އާ ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން ކުރަމުން ގެންދާ ކަންކަމުގައި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެ ކޮމިޝަނުން ގެންދަނީ، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުން ކަމަށެވެ. އަދި މީސްމީޑިއާގައި ދައުރުވަމުންދާ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން އިސްނަގައިގެން އެކަންކަން ބަލަމުންގެންދާ ކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ވަނީ އާންމު ރައްޔިތުން ކޮވިޑް19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ މެދު ފަރުވާތެރިވެ އަދި ފާރަވެރިވެ، ކޮރަޕްޝަންގެ އަމަލުތަކާ މެދު ޝައްކުވާ ހާލަތުގައި ލިބެން ހުންނަ އެންމެ ގިނަ ހެއްކާއި ގަރީނާއާއެކު އެ ކޮމިޝަނަށް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުން އަމަލު ކުރަންޖެހޭނެ ގޮތްތަކާ މެދު އިރުޝާދު ދިނުމަށް ބޭނުންވާ މައުލޫމާތު ހޯދައި ދިރާސާ ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އާންމު ސިއްހަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރި ކުރުމުގެ މި ދަނޑިވަޅުގައި ވެސް، ނަޒާހަތްތެރިކަމާއެކު ޖަވާބުދާރީވުމުގެ އުސޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އޭސީސީން ބުނެއެވެ. އަދި މިހާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމުގައާއި އަދި ނިންމުންތައް ނިންމުމުގައި އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށާއި، މިވަގުތު ތަކުގައި، ދައުލަތުން ކުރާ މަސައްކަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެ މަސައްކަތްތަކުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށް ދެވިގެން ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އަދި ގާނޫނު އަސާސީއާއި ގާނޫނުން އެކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ، ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް އެއްވެސް ޖެހިލުމެއްނެތި އަދާކުރާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!