ޚަބަރު

ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް ތިބި 152 މީހަކު ރާއްޖެ ގެންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އިންޑިއާއަށް އާސަންދަ ސްކީމްގެ ދަށުން ބޭސް ފަރުވާކުރަން ގޮސް ތިބި މީހުންގެ ތެރެއިން 152 ދިވެހިން މާދަމާގެ ފްލައިޓުން ރާއްޖެއަށް ގެންނަން ނިންމާފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނަ ފްލައިޓުގައި 152 ދިވެހިން ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދިވެހިން ގެންނަނީ އިންޑިއާގެ ބެންގަލޫރުންނާއި ކޮޗިންއިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާދަމާ ރާއްޖެއަށް ގެންނަ ދިވެހިންގެ ތެރޭގައި ހިމެނެނީ އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ގޮސްފައިވާ ބަލި މީހުންނާއި ބަލި މީހާގެ އެހީތެރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބުރޫކު ވިދާޅުވީ ރާއްޖެއަށް އަންނަން ބޭނުންވާ އެންމެން ރާއްޖެ ގެނެސް ކަރަންޓީނު ކުރާނެ ބަޖެޓް ވެސް އެބަހުރި ކަމަށާއި ނަމަވެސް މީހުން ގެންނަން ބަލާއިރު ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ހުރި މިންވަރަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތަށް ބަލަން ޖެހެނީ އެތަންތަނަށް ޑޮކްޓަރުންނާއި ނަރުހުން ތިބެން ޖެހޭތީ އެވެ. މިވަގުތަށް ޑޮކްޓަރުންނާއި ނަރުހުން ތިބީ މިހާރު ހުރި ފެސިލިޓީތަކުގައި މަސައްކަތް ކުރާ މިންވަރަށް ކަމަށެވެ.

މީގެކުރިން ވެސް އިންޑިއާގެ ކޮޗިންއިން ބަޔަކު ގެނެސްފައިވެ އެވެ. އަދި އިންޑިއާގެ ޓްރެވެންޑްރަމްއަށް ވެސް ދިވެހިން ވަނީ ރާއްޖެ ގެނެސްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!