ޕާސްޕޯޓް އިންޑެކްސްގައި ރާއްޖޭން އެއް ދަރަޖަ ކުރިއަށް
ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުތައް ދަރަޖަކުރާ، ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެ އެއް ދަރަޖަށް ކުރިއަށް ޖެހިލައި، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ހިމެނިއްޖެއެވެ.
ދުނިޔޭގެ 199 ގައުމުގެ ތެރެއިން، އެ ލިސްޓުގައި މިދިޔަ އަހަރު ރާއްޖެ އޮތީ 53 ވަނައިގައެވެ. ނަމަވެސް މިއަހަރު އެއް ދަރަޖަ ކުރިއަށް ޖެހިލައި، ރާއްޖޭން ވަނީ ލިސްޓުގެ 52ވަނަ ހޯދައިފައެވެ.
މި ކުރިއެރުން ލިބިފައި ވަނީ ދިވެހި ޕާސްޕޯޓުގައި ވިސާއާ ނުލައި 92 ގައުމަކަށް ދަތުރުކުރެވޭތީއެވެ.
ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުތަކުގެ ލިސްޓުގެ ދެވަނައިގައި އޮތީ އިންޑިއާއެވެ. ނަމަވެސް ހެންލީ ޕާސްޕޯޓް އިންޑެކްސްގައި އިންޑިއާ އޮތީ 80 ވަނައިގައެވެ. އެއީ އެގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލައި ދަތުރުކުރެވެނީ 55 ގައުމަށްވާތީއެވެ.
ލިސްޓުގެ ތިންވަނައިގައި ބޫޓާން އޮތްއިރު، އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 50 ގައުމަކަށް ދަތުރުކުރެވެއެވެ.
އިންޑެކްސްގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި މިފަހަރުވެސް ދަމަހައްޓާފައި ވަނީ 192 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ، ސިންގަޕޫރެވެ.

