މައުމޫންގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާތައް ސާބިތެއް ނުވި
ކޮރަޕްޝަންގެ ތުހުމަތުގައި 12އަހަރަށް ޖަލަށްލާފައި ހުރި، މޯލްޑިވްސް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މައުމޫން 2016ވަނަ އަހަރު ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހަތް ދައުވާއެއް އުފުލިއެވެ. އެއީ ކޮރަޕްޝަންގެ 2ދައުވާއާއި ރިޝްވަތުގެ 5ދައުވާއެވެ.
އޭގެ ތެރެއިން ކޮރަޕްޝަންގެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، 12އަހަރާއި 9މަހަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބާކީ ހުރި ދައުވާތަކުގެ ހުކުމް އިއްވާފައިވާއިރު، އެ ދައުވާތައް ސާބިތު ނުވާ ކަމަށް ކަނޑައެޅީ ދައުވާގެ ރުކުންތައް ފުރިހަމަނުވާ ކަމަށް ބުނެއެވެ.
ހުކުމްކުރިފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރަން ނިންމާފައިވާކަމަށް އެ އޮފީހުން ބުންޏެވެ.
މައުމޫންގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވްސް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
ދަައުލަތުން ބުނެފައިވަނީ މި މުއާމަލާތްތަކާ ގުޅިގެން މައުމޫންއާއި އޭނާއާ ގުޅުންހުރި އެކަުންޓްތަކަށް 298،403ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

