ބޮލީވުޑުގެ ތަރިންގެ މެދުގައި ފެންމަތިވެފައިވާ ޑްރަގް މައްސަލައިގައި ހުރިހާ އެންމެން ގޯސް ކަމަށް ބުނާތީ އެކަމާ އަކްޝޭ ކުމާރު ނުރުހުން ފާޅުކޮށްފިއެވެ.
އިންސްޓްގްރާމް މެދުވެރިކޮށް އަކްޝޭ ހިއްސާކުރި މި ވީޑިއޯގައި އޭނާ ވަނީ މި މައްސަލައާ ގުޅިގެން އޭނާ ގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން އަކްޝޭ ބުނެފައި ވަނީ މިކަންކަމާމެދު ވިސްނާތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި އެންމެ ފަހުން މިކަން ހިއްސާކުރުމަށް ބޭނުންވީ ކަމަށެވެ.
އެގޮތުން އަކްޝޭ ބުނީ ބޮލީވުޑްގެ ފިލްމުތަކުގެ ޒަރީއާއިން ގައުމުގައި ދިމާވާ ހުރިހާ ކަމެއް މިހާތަނަށް ދައްކުވައިދޭން ބޮލީވުޑުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އަދި ބޮލީވުޑަކީ މިހާރު ބައިނަލްއަގްވާމީ ލެވެލްގައި ވެސް ފާހަގަކޮށްލެވޭ ތަނެއްކަން ފާހަގަކޮށް އަކްޝޭ ބުނީ ބޮލީވުޑް މިހާ ކުރިއަށް އައުމުގެ ފަހަތުގައި ވަނީ ބޮލީވުޑު ތަރިން ނޫން ކަމަށެވެ. އަދި އެއީ ހަމަ ބެލުންތެރިން ގެ ސަބަބުން ލިބުނު މަގުބޫލު ކަމަކާއި ކުރިއެރުން ކަމަށް އަކްޝޭ ފާހަގަ ކުރިއެވެ.
ސުޝާންތު ސިންގު ރާޖްޕޫތުގެ މަރާ ގުޅިގެން ފެންމަތި ވެފައިވާ މައްސަލަތަކަށް އަލިއަޅުވާލައި އަކްޝޭ އިތުރަށް ބުނީ ބޮލީވުޑުގައި ޑްރަގް މައްސަލަތައް ނެތް ކަމަށް ބުނެފިނަމަ އެވާނީ ދޮގެއް ކަމަށެވެ. ނަމަވެސް ވަކި ބަޔަކު ކުރާ ކަމެއްގެ ސަބަބުން މުޅި ބޮލީވުޑް މިކަމުގައި ގޯސް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އަކްޝޭ ބުނެފައި ވެއެވެ.