ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްުޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އިއްޔެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ފުވައްމުލައް ސިޓީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ހައްޔަރުކުރި އެކަކީ ޏ. ފުވައްމުލައް / މިސްކިތްމަގު. ރޯޝަން، އަބްދުﷲ ޝިފާއު (26އ)އެވެ. އަނެއް މީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެ އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 112.9 ގުރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި 25000އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނުނު ކަމަށް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ޝިފާއު 15 ދުވަހަށް ބަންދުުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަނެއް މީހާ ކޯޓުން ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

