މަސްތުވާތަކެތި މައްސަލައިގަ ސާރާ ދެކެ ސައިފް ރުޅިއައުމުން، މަދަދަށް އެދުނީ މާމަ ކައިރިން

ބޮލީވުޑް އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގާ ގުޅިގެން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ސުވާލު ކޮށްފައިވާ ސާރާ އަލީ ޚާން ދެކެ އޭނާގެ ބައްޕަ ހިތްހަމަ ނުޖެހިއްޖެއެވެ.
"ފިލްމްބީޓް" ގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފެންމަތިވެފައި މިވާ މަސްތުވާތަކެތީގެ މިމައްސަލައަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސައިފް އަލީ ޚާންގެ އަންހެން ދަރި، ސާރާގެ ނަން އައުމާއެކު ސައިފް ވަނީ ސާރާދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި ސައިފް ސާރާއާ މިދުވަސްކޮޅު ދުރަށް ގޮސްފައިވާކަން ވެސް އެރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.
މަސްތުވާތަކެތީގެ މިމައްސަލައިގެ ހާސްކަމާއި ބައްޕަ ވެސް އޭނާއާ ދުރަށް ގޮސްފައިވުމުން، ސާރާ ދެން މަދަދަށް އެދުނީ އޭނާގެ މާމަ (ސައިފްގެ މަންމަ) ޝަރްމީލާ ޓެގޯރް ކިބައިންނެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، މިކަންތައްގަނޑުން ސާރާ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް ޝަރްމީލާ ވަނީ ބުނެފައެވެ.
ސާރާ އާއި ސުޝާންތުގެ ގުޅުމެއް އޮތްކަން ހާމަވުމުންނާއި ސާރާ ވެސް ސުޝާންތު އާއެކު މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވުމުން، ސައިފް ވަނީ އޭނަގެ ކުރީގެ އަނބިމީހާ (ސާރާގެ މަންމަ) އަމްރިތާ ސިންގް، ކުށްވެރިކޮށްފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި މިވަގުތު ސައިފު ހުރީ އޭނަގެ އަނބިމީހާ ކަރީނާ ކަޕޫރް ޚާން އާއި ހަގު ދަރިފުޅު ތައިމޫރް އަލީ ޚާން އާއެކު ނިއު ދިއްލީ ގައެވެ.