ޚަބަރު

ޑްރަގް އޮޕަރޭޝަން ހިންގީ ޕާކިސްތާނު އިންޓެލިޖެންސުން ކަމަށް ބުނާ ބުނުން ފުލުހުން ދޮގު ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިއްޔެ އައްޑޫގައި ހިންގި ބޮޑު ޑްރަގް އޮޕަރޭޝަން ހިންގީ ޕާކިސްތާނު އިންޓެލިޖެންސުން ކަމަށް ބުނާ ބުނުން ފުލުހުން ދޮގު ކޮށްފިއެވެ.

Ads by STELCO

ފުލުހުން މިހެން ވިދާޅުވެފައިވަނީ މި އޮޕަރޭޝަން އާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން ފުލުހުން ވިދާޅުވީ ދިވެހިންގެ ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެ ތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

"މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި 2020 އޮކްޓޯބަރ 1 ވަނަދުވަހުން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަނެކެވެ. އަދި މިއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫންކަން ފާހަގަ ކުރަމެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.

އެގޮތުން މި އޮޕަރޭޝަންގައި ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މި ކަމުގައި އިސްކޮށް ހަރަކާތްތެރިވި ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) ގެ އިތުރުން 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33އ) އާއި ސ. ހިތަދޫ / ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

މިއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ މަސްތުވާތަކެތި ފެނިފައިވާއިރު، ދިވެހި ފުލުހުން ހޯދި މި މަސްތުވާތަކެތީގެ މައުލޫމަތު މިހާރުވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރިގުޅުން އޮޅުން ފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!