ވިޔަފާރި

ލަންކާ ޓޫރިޒަމް އާމްދަނީގެ ބޮޑުބައި ބޭރުވާކަން ހާމަވެއްޖެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ސްރީލަންކާގެ މަސްވެރިންތަކެއް މަސްވެރިކަމުގައި : އެ ގައުމުގެ ޓޫރިޒަމަށް ވަނީ އިތުރު މައްސަލަތަކެއް ކުރިމަތިވެފަ-- ފޮޓޯ: ބުކިން ޑޮޓްކޮމް

ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބައި، އެކި ސަބަބުތަކާހުރެ ގައުމުގެ އިގްތިސާދުން ބޭރުވަމުންދާކަން ހާމަވެއްޖެ އެވެ.

Ads by STELCO

ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ޔޫއެން ޓޫރިޒަމް ގުޅިގެން ދާދިފަހުން ބޭއްވި 'ނޭޝަނަލް ވެލިޑޭޝަން ވޯކްޝޮޕް' ގައި ހާމަކުރި ގޮތުގައި އެ ގައުމުގެ "އިގްތިސާދީ ލީކޭޖް" ގެ އަގު އަހަރަކު ގާތްގަނޑަކަށް 1.13 ބިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

މި ދިރާސާއިން ދައްކާގޮތުގައި ފަތުރުވެރިކަމުގެ ތިން ދާއިރާއެއް ކަމަށްވާ އެކޮމޮޑޭޝަން، ޓްރެވަލް އެޖެންޓުން އަދި ވެލްނަސް ސެކްޓާގައި މި މައްސަލަ ބޮޑެވެ. މައިގަނޑު ސަބަބުތަކުގެ ތެރޭގައި  ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެއްޗާއި، މެޝިނަރީ އަދި ފަރުނީޗަރު ފަދަ ތަކެތި އިމްޕޯޓް ކުރުމަށް އަހަރަކު 800 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަވެ އެވެ. އަދި
އޮންލައިން ޓްރެވަލް އެޖެންޓުންނާއި ބޭރުގެ އޮޕަރޭޓަރުންނަށް ދައްކަންޖެހޭ ކޮމިޝަންތައް ގައުމުން ބޭރުވެ އެވެ.

ދިރާސާ ދައްކާ ގޮތުން ސްޕާ އަދި ވެލްނަސް ދާއިރާގައި ބޭރުގެ ތެރަޕިސްޓުން ގެންގުޅުމާއި، ބޭރުގެ އުފެއްދުންތައް ބޭނުންކުރުމުގެ ސަބަބުން މި ދާއިރާގެ އާމްދަނީގެ 50 އިންސައްތައަށް ވުރެ ގިނަ ބައި ބޭރުވެ އެވެ.

ލަންކާއިން ވަނީ 2024 ވަނަ އަހަރު ފަތުރުވެރިކަމުން 3.17 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ އެ ގައުމަށް ބޭރު ފައިސާ ވަންނަ ތިންވަނަ އަށް އެންމެ ބޮޑު ދާއިރާއެވެ. ނަމަވެސް، ފަތުރުވެރިން އިތުރުވުމަކުން އެކަނި އިގްތިސާދަށް ފައިދާ ނުކުރާކަން ފާހަގަކޮށް، ކަމާބެހޭ ފަރާތްތަކުން މިހާރު އަމާޒު ހިފާފައިވަނީ ލިބޭ އާމްދަނީގެ ބޮޑު ބައެއް ގައުމުގައި ހިފެހެއްޓޭނެ ގޮތްތަކެއް ހޯދުމަށެވެ.